ރާއްޖެ އަށް ކުރަމުންދިޔަ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ހއ. ހޯރަފުއްޓާއި ހދ. ހަނިމާދު އާއި ލ. ގަމުގެ މީހުންނަށް އެހީތެރިވުމަށް ރެޑް ކުރެސެންޓްގެ ޓީމްތަކެއް އެ ތިން ރަށަށް ފޮނުވައިފި އެވެ.

ރެޑް ކެރެސެންޓް ޖަމާއަތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ބަލި މަޑުކަމުން ރައްކާތެރިވުމާއި ސާފުތާހިރުކަމާ ބެހޭ މައުލޫމާތު އާންމުނަށް ދިނުމުގެ އިތުރުން ރަށުތެރެ ސާފުކުރުމުގައި އެ ޖަމިއްޔާގެ ޓީމްތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ހަމަ އެހެންމެ އެ ރަށްތަކަށް ލިބިފައިވާ ގެއްލުންތައް ސާވޭ ކުރުމަށް ރަށު ކައުންސިލްތަކަށް އެ ޖަމިއްޔާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ. އެގޮތުން ވިއްސާރައިގައި އެންމެ އަސަރުކޮށްފައިވާ، ހޯރަފުށީގައި ރެޑް ކްރެސެންޓުން ތަމްރީން ކޮށްފައިވާ 45 "ދަރުމަވެރިން" ހަރަކާތްތެރިވާ އިރު ރަށު ކައުންސިލާ އެކު ރަށުގެ 115 ގެއެއްގައި ފެން ހިއްކައި ސާފުކޮށްފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

ފެނުގެ ޒަރިއްޔާ އިން ފެތުރެމުންދާ ބަލިމަޑުކަމުން ރައްކާތެރިވުމާ ބެހޭ މައުލޫމާތު ދިނުމަށް ރެޑް ކްރެސެންޓްގެ ޓީމްތައް ގެންދަނީ ގޭގެ ޒިޔާރަތްކުރަމުން ކަމަށް ވެސް ރެޑް ކްރެސެންޓުން ބުންޏެވެ.