03 Nov 2012, 13:52
ނޮވެމްބަރު ތިނެއްގެ ޒިކުރާ އާކުރުމަށް ތައްޔާރުކުރި ހަނދާނީ ބިނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރޭ ހުޅުވައިދެއްވައިފި އެވެ.
ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާ އަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ދިވެހިންގެ ތެރެއިން މަދު ބަޔަކު ބޭރުގެ ޓެރެރިސްޓު ޖަމާއަތަކާ ގުޅިގެން މާލެ އަށް އަރައި ދިން އުދުވާނީ ހަމަލާގައި ޝަހީދުވި 19 ދިވެހިންގެ ހަނދާން އާކުރުމުގެ ގޮތުން ބިނާ ކޮށްފައިވާ ތަނެއް ކަމަށް އެމްންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފްގެ އަޮފިސަރަކު މިއަދު ވިދާޅުވީ އެ ބިނާ ފަރުމާކޮށްފައި ވަނީ ސިފައިންގެ މައި މަރުކަޒަށް ޓެރަރިސްޓުން ވަނުމަށް ޓަކައި އެ މަރުކަޒުގެ ހުޅަނގު ދެކުނު ކަނުގެ ފާރު ގޮއްވައިލައި ފޫއަޅުވާލި ބާގަނޑުގެ ނަކަލު ދައްކުވައިދޭ ގޮތަށް ކަމަށާއި އެ ބާގަނޑުގެ އެތެރެއިން ފެންނަން ހުރި އައްޑަނަ ރަމްޒު ކޮށްދެނީ ދިވެހި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމުގެ ދިފާއުގައި ދިވެހި ސިފައިން ކޮށްފައިވާ މަތިވެރި ޖިހާދުގެ ހަނދާންތައް ކަމަށެވެ. އަދި އެ ފާރު ފޫއަޅުވާލި ކަމުގައި ވިޔަސް ސިފައިންގެ އަޒުމަށް ގުޑުމެއް އަރުވާ ނުލެވޭނެ ކަމެވެ.
އޭނާ ވިދާޅުވީ ބާގަނޑުގެ ތެރެއިން ފެންނަން ހުރި އައްޑަނައިގެ ވަށައިގެން ލިޔެފައިއެވާ ލިޔުމުން ރަމްޒު ކޮށްދެނީ ދިވެހި ސިފައިންނަކީ އިސްލާމީ މަތިވެރި އަގީދާ އިން ހިތްވަރު ލިބި ދީނާއި ގައުމަށް ޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް އަބަދު ވެސް ތައްޔާރަށް ތިބި ބައެއް ކަމެވެ.
"އަށްޑަނައިގެ ވަށައިގެން ފެންނަން އެހުރި ލިޔުމަކީ މާތް ﷲގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހުންނަށް އެކަލާންގެ ހަޒުރަތުގައި ހުރި ދަރުމައިގެ ވާހަކަ ބަޔާން ކުރައްވައި ކީރިތި ޤުރުއާނުގައި މާތްﷲ ވަހީ ކުރައްވާފައިވާ އާޔަތުގެ ދިވެހި ތަރުޖަމާ. އަދި އެ ބިނާގެ ދެ ފަރާތުގައި ފަރުމާކޮށްފައި އެ ވާ އަށް ތަނބާއި އަށް މާ ބޮނޑިއާ އަދި އަށް ދިދަ ރަމްޒު ކޮށްދެނީ މި ލޮބުވެތި ވަތަންގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާއުގައި ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ މަތިވެރި ގުރުބާނީގެ ޒިކުރާތައް،" އޮފިސަރު ވިދާޅުވި އެވެ.
އެ ބިނާ ފަރުމާކޮށް ތައްޔާރު ކުރުމުގެ ހުރިހާ މަސައްކަތެއް ވެސް ކޮށްފައި ވަނީ ދިވެހި ސިފައިން ނެވެ. ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ދިވެހިންގެ މަދު ބަޔަކު ބޭރުގެ ޓެރަރިސްޓު ޖަމާއަތަކާ ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އާއްމު ރައްޔިތުންގެ ތެރެއިން 11 މީހަކާއި ސިފައިންގެ ތެރެއިން އަށް މީހަކު ވަނީ ޝަހީދުވެފަ އެވެ.