03 Nov 2012, 13:19
ވިކްޓަރީ ކީޕަރު ފައިސަލާއި ނިއުގެ ރިޒާވް ކީޕަރު ލަބާން އަދި ގައުމީ ޓީމުގެ ކީޕަރު ޓްރޭނަރު އަސްލަމް އަބުދުއްރަހީމް ވެލެންސިއާ އަށް ސޮއިކޮށްފި އެވެ.
މި ތިން މީހުން ވެސް ސޮއި ކުރީ އެއް އަހަރުގެ އެއްބަސްވުމެއްގަ އެވެ.
ކުރިން ވެލެންސިއާގެ ކީޕަރަކަށް ވެސް އެތައް އަހަރަކު ކުޅެފައިވާ އަސްލަމް މިއަދު ބުނީ އޭނާގެ އިރުޝާދާއެކު ވެލެންސިއާ އަށް ގެނެސްފައިވަނީ ރާއްޖޭގެ އެންމެ އުއްމީދީ ދެ ކީޕަރުން ކަމަށެވެ.
"އިމްރާނު ރިޕްލޭސް ކުރަން އަހަރެން ގަބޫލު ކުރާ ގޮތުގައި މިހުރީ ފައިސަލް. ދެން އޭގެ ފަހުން ލަބާން. އެހެންވީމަ ވަރަށް ރަނގަޅު ބަދަލަކަށްވާނެ މިއީ،" އަސްލަމް ބުންޏެވެ.
ނިއު އާއި ގައުމީ ޓީމަށް ވެސް ކުޅުނު އަސްލަމް ބުނީ އޭނާގެ އެހީ އަށް މިދިޔަ ސީޒަނުގައި ވެސް ވެލެންސިއާއިން އެދުނު ކަމަށާއި ނަމަވެސް އެއިރު އޭނާ ވަނީ އީގަލްސް އަށް މަސައްކަތްކޮށްދޭން އެއްބަސްވެފައި ކަމަށެވެ.
ވެލެންސިއާގެ ޗެއާމަން އިބްރާހީމް ރާއީ ރަޝީދު މިއަދު ވިދާޅުވީ ހުސްވި ހަތަރު އަހަރު ވަރަށް ބަލިކަށިކޮށް އޮވެ މި އަހަރު ރެލިގޭޝަން ކުޅުނު ވެލެންސިއާ ވަރުގަދަ ކުރުމަށް އަދިވެސް އިތުރު ކުޅުންތެރިން ގެންނާނެ ކަމަށާއި ވަރަށް އަވަހަަށް އިތުރު ކުޅުންތެރިން ލައްވައި ސޮއިކުރުވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ކުޅުންތެރިން ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވެލެންސިއާގެ މެއިން ސްޕޮންސާ ޕިލިޕްސްގެ އެސްޓީއޯގެ މެނޭޖަރު އާޒިމް ވިދާޅުވީ ވެލެންސިއާ ވަރުގަދަވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެއީ ފިލިޕްސް އަށް ލިބޭ ކުރިއެރުމަކާއި ޕްރޮމޯޝަނެއް ކަމަށާއި ވެލެންސިއާގެ ފަރާތުން ފިލިޕްސް ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.