03 Nov 2012, 12:27
މިދިޔަ ހަފުތާގައި އުތުރަށް ކުރި ވިއްސާރަ އަށް ފަހު ހއ. ކެލާގައި ރޯގާއެއް ފެތުރި ރަށުގެ ގިނަ ބަޔަކު ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށް، ފަރުވާދެމުން އަންނަ ކަމަށް ކެލާ ސިއްހީ މަރުކަޒުން ބުނެފި އެވެ.
ކެލާ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ހުސެއިން ފާރޫގް މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ރަށުގައި ފެތުރިފައި ވަނީ ވައިރަލް ހުމެއް ކަމަށާއި ނަމަވެސް މިދޭތެރެއިން ކުރި ވިއްސާރަ އަށް ފަހު، ޖަންކަޝަންތައް ފަޅައިގެން ގޮސް ނަޖިސް ބޭރުވުމުން ރޯގާ ބޯޑަށް ފެތުރުމަށް މަގުފަހިވި ކަމަށެވެ.
ހުސެއިން ފާރޫގް ވިދާޅުވީ 2200 މީހުންގެ އާބާދީގެ ކެލާގައި 24 ގަޑިއިރު ހިދުމަތް ދެމުން އަންނަ ސިއްހީމަރުކަޒުގައި އިންނަވަނީ އެންމެ ޑޮކްޓަރެއް ކަމަށާއި އެހެންކަމުން އެންމެ އެދެވޭގޮތަށް ފަރުވާދެވިފައި ނުވާ އިރު ޑޮކްޓަރެއްގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ.
"ވަރަށް ބާރުބޮޑުކޮށް މިދަނީ. އެގޮތުން އިއްޔެ އެކަނި ވެސް 40 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި، އަދި އާންމުކޮށް މިހާރު 30 ނުވަތަ 20 މީހުން މިހާރު ދައްކަން އާދޭ، މިއީ ވަރަށް ބޮޑު އަދަދެއް،" ފާރޫގް ވިދާޅުވި އެވެ.
ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ ޒުބައިރު ވިދާޅުވީ ރޯގާ ފެތުރުމުން މުޅި ރަށް އެލާޓުގައިވާ އިރު މުޅި ރަށުން ބޭސް ވެސް ހުސްވެފައިވާ ކަމަށެވެ. އަދި އެރޯގާ ފެތުރުނީ ދާދިފަހުން ކުރި ވިއްސާރަގައި ގޭގޭގެ ޖަންގުޝަންތައް ފަޅައިގެންގޮސް ނަޖިސްބޭރުވުމުގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބަލިމަޑުކަމެއް ފެތުރަނަ ނުދިނުމަށް ޓަކައި ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ބޭނުންވާ ސާމާނު ނުލިބުމުން އެކަމުގެ ދަތިކަން ފޯރާފައިވާ ކަމަށާއި އަދި އެތަކެތި ހޯދުމަށް ޑީޒާސްޓަގައި އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ ކެލާގައި ރޯގާއެއް ފެތުރިފަިއވާ ކަމަށް ހުށައަލާފައިވާ ކަމަށާއި ނަމަވެސް އެއީ އާދައިގެ ވައިރަލް ފީވާއެއް ކަމަށެވެ. އަދި އެ ރަށުން ބޭސް ހުސްވެފައިވުމުން ހޯރަފުށިން އެ ރަށަށް ބޭސް ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ކެލާގައި ރޯގާއެއް ފެތުރި އެ ރަށް އެލާޓުގައިވާ އިރު މިދޭތެރެއިން ކުރި ވިއްސާރައެއްގެ ސަބަބުން ހއ. އާއި ހދ.ގެ ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އަސަރުކޮށް ގޭގޭގެ ޖަންކްޝަން ފަދަ ތަންތަން ފަޅައިގެން ގޮސް ނަޖިސް ފެތުރުމުގެ ސަބަބުން ރޯގާ އާއި ތަފާތު ބަލިތައް ވަނީ ފެތުރިފަ އެވެ.