03 Nov 2012, 11:11
ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން ދިވެހި ސިފައިންގެ ކުލަބް ބަލިކޮށް، ގައުމީ ވޮލީގުގެ ޗެމްޕިއަންއަކަން އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ހޯދައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް އެސްޓީއޯ އިން ކާމިޔާބު ކުރީ 25 ޕޮއިންޓް 21 ޕޮއިންޓުންނެވެ. ދެ ވަނަ ސެޓް 25 ޕޮއިންޓް 20 ޕޮއިންޓުން އެސްޓީއޯ ކާމިޔާބު ކުރިއިރު، ފަހު ސެޓް ވެސް އެޓީމުން ކާމިޔާބު ކުރީ 25 ޕޮއިންޓް 23 ޕޮއިންޓުންނެވެ.
ރޭގެ މޮޅާ އެކު އެސްޓިއޯ އަށް މިއަހަރުގެ ގައުމީ ލީގް ލިބުނު އިރު، އެ ޓީމަށް ލީގުގައި ލިބިފައި ވަނީ 21 ޕޮއިންޓެވެ. އެގޮތުން އެސްޓީއޯ ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. ސިފައިން ދެވަނައިގައި ލީގު ނިންމާލީ 18 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ ޕޮލިސް ކްލަބެވެ. އަދި ހަތަރު ވަނައިގައި އޮތީ ހުސްވި އަހަރުގެ ލީގް ދިފާއުކުރި ކްލަބް ޕީކޭ އެވެ.
އެސްޓީއޯ އިން ލީގް ހޯދި މެޗަށް ފަހު، ލީގުގައި އެކިއެކި ވަނަތައް ހޯދި ފަރާތްތައް ވަނީ ހޮވައިފަ އެވެ. އެގޮތުން ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ޗެމްޕިއަން އެސްޓީއޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)އަށެވެ. އެންމެ މޮޅު ސާވާއަކަށް އެސްޓީއޯގެ ސްރީލަންކާ ކުޅުންތެރިއާ ޖަނިތަ ސުރަތު ހޮވުނުއިރު، އެންމެ މޮޅު ސެޓަރަކަށް ހޮވުނީ ވެސް އެސްޓީއޯގެ އިޝާން މުހައްމަދު (ބަޓިސް) އެވެ. އަދި އެންމެ މޮޅު ސްޕައިކަރަކަށް ސިފައިންގެ ކުލަބުގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ހޮވުނު އިރު، އެންމެ މޮޅު ބްލޮކަރަކަށް ހޮވުނީ އެސްޓީއޯގެ ހުސެއިން ސައީދެވެ.
ލީގުގެ ފެއާ ޕްލޭ ޓީމަކަށް ޕޮލިސް ކުލަބް ހޮވުނު އިރު، ލީގުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ އަހުމަދު އަނިލް ނަސީރެވެ.
ލީގުގެ 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ޗެމްޕިއަން އެސްޓީއޯގެ އަލީ ހުޒާމް ހޮވުނުއިރު، 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މާގާމް ހޯދީ ޕޮލިސް ކުލަބުގެ މުހައްމަދު ޝާއިން އެވެ. ލީގުގެ އެންމެ މޮޅު ކޯޗަކީ އެސްޓީއޯގެ މުހައްމަދު ޝަރަފެވެ.
ގައުމީ ލީގުގެ ދެވަނަ ބުރުގައި ވާދަކުރި ހަތަރު ޓީމު ދެން ނުކުންނާނީ ހޯމަ ދުވަހު ފަށާ ގައުމީ ވޮލީބޯޅަ މުބާރާތަށެވެ.
މެޗަށް ފަހު އޮތް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން އެސްޓީއޯގެ ޓީމަށް ގައުމީ ވޮލީ ލީގުގެ އައްޑަނަ އަވާލުކޮށްދެއްވީ ސަރަފްވެރި މެހްމާން، ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.