03 Nov 2012, 11:08
ސްްރީލަންކާގެ ކޮލޮމްބޯގައި ކުރިއަށްދާ ހަ ވަނަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދުވަހުގެ ކުޅުން އިއްޔެ ނިންމާލި އިރު ފިރިހެން އަދި އަންހެން ޑަބަލްސް ޗެމްޕިއަންކަން އިންޑިއާގެ ޕެއާތަކުން ހޯދައިފި އެވެ. ފިރިހެން ޑަބަލްސް ރަނަރަޕްކަން އިންޑިއާގެ ދެވަނަ ޕެއާ ހޯދި އިރު އަންހެން ޑަބަލްސް ރަނަރަޕްކަން ހޯދާފައި ވަނީ ޝްރީލަންކާއިންނެވެ.
ފިރިހެން ޑަބަލްސް އިވެންޓުގައި 14 ގައުމަކުން 26 ޕެއަރއެއް ބައިވެރިވެފައިވެ އެވެ. ދިވެހި ރާއްޖޭގެ އެއްވަނަ ޕެއާ ހަސަން ނާޒިމާއި ހުސެއިން އަލީ ވަނީ ނޮކްއަޓް ސްޓޭޖުގެ ދެވަނަބުރުގައި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިންޑިއާގެ ޑަބަލްސް ޕެއާ އަތުން ބަލިވެގެން ކަޓާފަ އެވެ. ފިރިހެން ދެ ވަނަ ޕެއާ ޝާފީ މުހައްމަދާއި ހުސެއިން ފާރިހު ކަޓާފައިވަނީ ވެސް މި އިވެންޓުގެ ދެވަނަ ބުރުންނެވެ. މި މެޗުގައި ރާއްޖެ ބައްދަލުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ޕެއާ އެއްވަނަ ޑަބަލްސް ޕެއާ އާއި އެވެ.
އަންހެން ޑަބަލްސް އިވެންޓުގައި ހަ ގައުމަކުން 10 ޕެއާއެއް ބައިވެރިވެފައިވާ އިރު ދިވެހިރާއްޖެ އިން ވާދަކުރި އެއްވަނަ ޕެއާ އައިޝަތު ޝަޒުނާއާއި އައިޝަތު ފައިނާޒާއި ދެ ވަނަ ޕެއާ އައިމިނަތު ނިފާޝާއާއި އައިމިނަތު ވިދާދު ކަޓާފައި ވަނީ ނޮކް އައުޓް ސްޓޭޖުގެ ކުއަޓާ ފައިނަލުން އިންޑިޔާގެ ޑަބަލްސް ޕެއާ އާއި ވާދަކޮށްގެނެވެ.
މިމުބާރާތުގައި މިހާރު ކުރިއަށްދަނީ ޓީމް އިވެންޓުގެ މެޗުތަކެވެ. ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށްދާ ފިރިހެން ޓީމް އިވެންޓުގެ ގޫރުޕް އެކެއްގައި ހިމެނެނީ ޝްރީލަންކާ، ހޮލެންޑް، ގަތަރު އަދި ކެނެޑާ އެވެ. ގުރޫޕް ދޭއްގައި ހިމެނެނީ ޖަރުމަން، އިޓަލީ، މެލޭޝިޔާ އަދި ކޮރެއާ އެވެ. ގުރޫޕް ތިނެއްގައި ހިމެނެނީ އިނގިރޭސިވިލާތް، ދިވެހި ރާއްޖެ، ޕާކިސްތާނު އަދި ބަނގްލަދޭޝް އެވެ. ގުރޫޕް ހަތަރެއްގައި ހިމެނެނީ އިންޑިއާ، އެމެރިކާ، ޖަޕާން އަދި ސުވިޒަލޭންޑެވެ.
މީގެއިތުރުން އިއްޔެ ކުޅެވުނު ފިރިހެން ޓީމު އިވެންޓުގެ މެޗުތަކުގެ ތެރެއިން ދިވެހިރާއްޖެ ޕާކިސްތާނާއި ބައްދަލުކޮށް ވަނީ މޮޅުވެފަ އެވެ. ދެވަނަ މެޗުގައި ބަނގްލަދޭޝް އާއި ބައްދަލުކޮށްވަނީ ބަލިވެފަ އެވެ. އަދި ގުރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި އިނގިރޭސިވިލާތާއި ބައްދަލުކޮށް މޮޅުވެގެން ދިވެހިރާއްޖޭގެ ފިރިހެން ޓީމުވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ކުއާޓާ ފައިނަލް ގައި ދިވެހިރާއްޖެ ބައްދަލުކުރަން ޖެހެނީ ދުނިޔޭގެ އެއްވަނަ ރޭންކު ކަމަށްވާ އިންޑިޔާގެ ޓީމާ އެވެ.
އަންހެން ޓީމު އިވެންޓުގައި ވާދަކުރަނީ އިންޑިއާ، ޝްރީލަންކާ، ޖަޕާން، މެލޭޝިއާ އަދި ދިވެހިރާއްޖެ އެވެ. އަންހެން ޓީމު އިވެންޓުގެ ފުރަތަމަ މެޗުގައި ރާއްޖެ އިންޑިއާއި ބައްދަލުކޮށް ވަނީ ބަލިވެފަ އެވެ. ދެވަނަ މެޗުގައި އަންހެން ޓީމު ބައްދަލުކޮށްފައި ވަނީ މެލޭޝިއާގެ ޓީމާ އެވެ. މިމެޗުން ރާއްޖެ ވަނީ މޮޅުވެފަ އެވެ. ތިން ވަނަ މެޗުގައި ޝްރީލަންކާއާ ވާދަކޮށް ވަނީ ބަލިވެފަ އެވެ. ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ބައްދަލުކުރާނީ ޖަޕާނާ އެވެ.
މިމުބާރާތުގައި މިހާރު ކުރިއަށްދާ ޓީމު އިވެންޓުގެ މެޗުތައް ނިމުމުން ދެން އޮންނާނީ ސުވިސް ލީގުގެ މެޗުތަކާއި އަދި ސިންގަލްސް އިވެންޓުގެ މެޗުތަކެވެ.
ހުސްވި އޮކްޓޯބަރު މަހުގެ 31 އިން މާދަމާގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ވާދަކުރާ ޤައުމުތަކަކީ ޝްރީލަންކާ، އިންޑިއާ، ކެނެޑާ، ޢިޓަލީ، ޕޮލެންޑް، ބަންގަލަދޭޝް، ގަތަރު، މޮރިޝަޝް، އެމެރިކާ، ޕާކިސްތާން، މެލޭޝިއާ، ސުވިޓްޒަލޭންޑް، ޖަރުމަން، ޖަޕާން، ކޮރެއާ، ފްރާންސް، އިންގްލެންޑް، ހޮލެންޑް އަދި ދިވެހިރާއްޖެ އެވެ.