ސަންއެފްއެމުން ރޯދަ މަހު ގެނެސްދިން "ދީނީ ސުވާލު މުބާރާތު"ން އެއް ވަނަ ހޯދި ފަރާތަށް 5،000 ރުފިޔާގެ އިނާމް ދީފި އެވެ.


އިސްލާމީ ތާރީޚާއި ދީނީ ތަފާތު މަޢުޟޫތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސުވާލު ތަކެއް ހިމެނޭ ދީނީ ސުވާލު މުބާރާތަކީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ 10 ން 11:30 އަށް ގެނެސްދިން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ހިމެނި ސުވާލުތައް ރަނގަޅުކޮށްގެން އެއްވަނަ އަށް ދިޔަ އިބްރާހިމް ނަވީން އަށް 5،000 ރުފިޔާގެ ޗެކް ހަވާލުކޮށްދިނީ ސަންއެފްއެމް ކޮންފަރެންސް ހޯލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމްގެ ސްޕޮންސަރ، ފޯކަސް ކޮމްޕިއުޓާސްގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ އިބްރާހިމް ރަޝީދެވެ.


ސަންއެފްއެމް ރެލިޖަސް ޑިޕާޓްމަންޓުން ގެނެސްދިން މި ޕްރޮގްރާމުގެ ކޮންމެ ރެއެއްގެ ވެސް އެއްވަނަ ބައިވެރިއަކަށް ފޯކަސް ކޮމްޕިއުޓާސް އިން ވަނީ ހާއްސަ އިނާމެއް ދީފަ އެވެ.