ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދޭން އެއްބަސްވި 25 މިލިއަން ޑޮލަރުގެ ލޯނު އެގްރިމަންޓަށް ބައެއް ބަދަލުތައް ގެންނަން އިންޑިއާ އިން ހުށަހަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ދޭން އެއްބަސްވި 100 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން ޓްރޭޑް ކްރެޑިޓަށް ކަނޑައަޅާފައިވާ 50 މިލިއަން ޑޮލަރުގެ ތެރެއިން 25 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އިންޑިއާ ސަރުކާރުން ވަނީ ސެޕްޓެމްބަރު މަހު ފާސްކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެ ލޯނު ނަގަން ފިނޭންސަށް ވަނީ މިދިޔަ މަހުގެ ތެރޭގައި ހުއްދަ ވެސް ދީފަ އެވެ.

ނަމަވެސް އެ ލޯނު މިހާތަނަށް އިންޑިއާ ސަރުކާރުން ދޫކޮށްފައެއްނުވެ އެވެ. ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ސަން އޮންލައިނަށް ވިދާޅުވީ، "އެމެންޑް އެގްރިމަންޓް" (އެގްރިމަންޓަށް ގެންނަ އިސްލާހު)ތަކުގެ ނަމުގައި ފިނޭންސަށް ކަރުދާހެއް ފޮނުވާފައިވާ ކަމަށާއި އެ އިސްލާހު މިހާރު ދިރާސާ ކުރައްވަމުން އަންނަ ކަމަށެވެ. އެގްރިމަންޓަށް ގެންނަން އިންޑިއާ އިން ހުށަހެޅި އިސްލާހުތަކަކީ ލޯނުގެ އަދަދަށް ނޫނީ ލޯނުގެ އިންޓަރެސްޓަށް ބަދަލުތަކެއް އަންނާނެ އިސްލާހުތަކެއް ނޫންކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

"އިންޓަރެސްޓާ އެއްޗިހި ހުރިވަރަށް ހުރީ. އެ އިސްލާހުތަކަކީ މައިގަނޑު ގޮތެއްގައި ކުރިން މި ދޫކުރި ބައެއް ލޯނުތައް ވެސް އެއް އެގްރިމަންޓެއްގައި ހިމަނައިގެން ސޮއި ކުރުން. މިކަހަލަ ބައެއް އުސޫލީ އިސްލާހުތައް ހުރީ. އެއީ މީގެ ކުރިން ހަމައެކަނި ޗެކަކުން މި ހަވާލުކުރަނީ. މިހާރު އޭގައި ސޮއި ކުރީމާ ލިބޭ ގޮތަށް އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޖިހާދު ވިދާޅުވެފައި ވަނީ އިންޑިއާ ސަރުކާރުގެ ލޯނު ލިބުން ލަސްވަނީ "ޖީއެމްއާރުގެ މައްސަލަ އުޅޭތީ ކަމަށް ގަބޫލުކުރައްވާ" ކަމަށެވެ. ޖިހާދު މިއަދު ވެސް ވިދާޅުވީ އެ އެގްރިމަންޓްގެ ސަބަބުން ވެސް ލޯނު ލިބުން ލަސްވާނެ ކަމަށާއި ނަމަވެސް ވީހާ ވެސް އަވަހަކަށް އިސްލާހު ކުރެވުނު އެގްރިމަންޓް ދިރާސާކޮށް އެކަމަށް އެއްބަސްވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

"މީގެ ސަބަބުން ވެސް މި ހަމަ ލަސްވާނީ. އަޅުގަނޑު މިބަލަނީ އެ ރަނގަޅަށް ބަލާފައި މާބޮޑު މައްސަލަތަކެއް ނެތިއްޔާ އެއްބަސްވާން،" ޖިހާދު ވިދާޅުވި އެވެ.