03 Nov 2012, 10:26
"ދުނިޔޭގެ ސެޓެލައިޓް"ގެ ގޮތުގައި ސައިންސްވެރިން ފާހަގަކުރާ ހަނދަކީ ދުނިޔޭގެ ގިނަ ކަންތައްތަކަކާ ގުޅިފައިވާ އެއްޗެކެވެ. އެގޮތުން ކަނޑުތަކުގެ ދިޔަވަރާއި އޮއިވަރަކީ ވެސް ހަނދާ ގުޅުންހުރި ކަންތައްތަކެވެ.
ނަމަވެސް ހަނދާ ބެހޭ ގޮތުން އިންސާނުންނަށް މާބޮޑު އެއްޗެއް އޮތީ ނޭނގި އެވެ. ހަނދުގައި ފައިތިލަ ޖެއްސިއްޖެ ކަމަށް އެމެރިކާ އިން ދައުވާކުރިތާ 60 އެތައް އަހަރެއްވީ އިރު ވެސް ހަނދުގައިވާ ވަޅުގަނޑުތަކުގެ ހަގީގަތް ވެސް އޮތީ ނޭނގި އެވެ. ނަމަވެސް ޖަޕާނުގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑްވާންސްޑް އިންޑަސްޓްރިއަލް ސައިންސް އެންޑް ޓެކްނޮލޮޖީގެ ސައިންސްވެރިން މިހާރު ވަނީ އެ ވަޅުގަނޑުތަކާ ބެހޭ ގޮތުން ގިނަ ހޯދުންތަކެއް ހޯދާފަ އެވެ.
ޖަޕާނުން ހަނދަށް ފޮނުވި އުޅަނދު "ލޫނާ ރޯވާ" އިން އެއްކުރި މައުލޫމާތުތަކުގެ އަލީގައި އެގައުމުގެ ސައިންސްވެރިން ބުނާ ގޮތުގައި ބިމަށް ފެންނަ ފަރާތުގައި، ހަނދުގައިވާ އެންމެ ބޮޑު ވަޅުގަނޑަކީ އެތައް ހާސް ކިލޯމީޓަރެއްގެ ފުޅާ އަދި އެތައް ސަތޭކަ ކިލޯމީޓަރެއްގެ ފުން މެގްމާ (ވިރިކެކޭ ހިލަ)ގެ ގަނޑެކެވެ.
"އޯޝަން އޮފް ސްޓޯމްސް"ގެ ނަންދީފައިވާ، ކިލޯމީޓަރު ފުޅާ އަދި އެތައް ސަތޭކަ ކިލޯ މީޓަރެއްގެ ފުން އެކަނޑު އުފެދިފައި ވާނީ ހަނދާ އެހެން އެއްޗަކާ ޖެހި މުޑިއެރުމުގެ ސަބަބުންނެވެ.
ދިރާސާގައި އިސްކޮށް އުޅުއްވި ސައިންޓިސްޓް ރްޔޯސޫކް ނަކަމޫރާ ވިދާޅުވާ ގޮތުގައި ހަނދާ މުޑިއަރާފައި ވާނީ ބިމުގެ ނާރެހުގައި އޭރު ދައުރުކުރަމުން ދިޔަ، ހަނދު ފަދަ އެހެން ނަމަވެސް ހަނދަށް ވުރެ ކުޑަ އެއްޗަކާ އެވެ. އަދި އެކަމުގެ ސަބަބުން ހަނދަށް ކުރި ފަދަ އަސަރެއް ބިމަށް ވެސް ކޮށްފައި ވެދާނެ ކަމަށް ނަކަމޫރާ އާއި އޭނާގެ ބައިވެރިން ލަފާކުރެ އެވެ.
ޖަޕާނުގެ ސައިންސްވެރިންގެ އާ ހޯދުންތަކުން އެނގިފައިވާ އަނެއް ހަގީގަތަކީ ހަނދުގެ ބިމާ ގާތް ފަރާތުގައި ސޯޝަން އޮފް ސްޓޯމްސް ފަދަ ވަޅުގަނޑުތަކުގެ އިތުރުން ހިކިފައިވާ ލާވާއިން އުފެދިފައިވާ ވާދީތަކާއި އުސްގަނޑުތައްވެ އެވެ. އަދި އަހަރެމެންނަށް މި ފެންނަ ފަދައިން ހަނދު ވަނީ އެހެންވެ އެވެ.
ބިމުގައި ތިބޭއިރު އަބަދު ވެސް ފެންނަނީ ހަނދުގެ އެއްފަޅި ކަމަށްވާ އިރު ހަނދުގެ އަނެއް ފަރާތް މި ފެންނަ ފަރާތާ ވަރަށް ތަފާތުކަން ވެސް އެހޯދުންތަކުން ވަނީ އެނގިފަ އެވެ. އެގޮތުން ހަނދުގެ އަނދިރިފަރާތް ބިމާވީ ފަރާތަށް ވުރެ އޮމާން ކަން އެހޯދުން ތަކުން އެނގެ އެވެ. ( ފޮކްސް ނިއުސް)