އަންކަރާ (ނޮވެމްބަރ 3): އިސްރާއީލުން ހިފައި އަދި ހިސާރުކޮށްފައިވާ ފަލަސްތީނުގެ ސަރަޙައްދެއްކަމަށްވާ ޣައްޒާ އަށް ވަރަށް އަވަހަށް ޒިޔާރަތް ކުރައްވާނެ ކަމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ޖަރުމަނަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އެނބުރި ޤައުމަށް ވަޑައިގެންނެވުމުގެ މަގުމަތީގައި މަތިންދާ ބޯޓުގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި އުރުދުޣާން ވިދާޅުވީ އޭނާ ޣައްޒާ އަށް ޒިޔާރަތް ކުރެއްވުމަށް ވާން ޖެހޭ ތައްޔާރީތައް ގައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާއަތުގެ ސަރުކާރާ ގުޅިގެން ތުރުކީ ސަރުކާރުން މިހާރު ވެސް ކުރަމުން ގެންދާކަމުގަ އެވެ. އުރުދުޣާން ވިދާޅުވީ ޣައްޒާ އަށް އޭނާ ކުރައްވާ ޒިޔާރަތުގައި ބައިވެރިވެވަޑައިގަތުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސް އަށް ވެސް ދަންނަވާފައިވާނެ ކަމަށާއި މިކަމާ މެދު ވިސްނާވަޑައިގަންނަވާނެ ކަން ޢައްބާސް ހާމަކުރައްވާފައިވާ ކަމުގަ އެވެ. ޢައްބާސް ޣައްޒާ އަށް ޒިޔާރަތް ކުރެއްވުމަކީ ޙަމާސް އާއި ފަތްޙު ޖަމާއަތުގެ ދެމެދުގައި އުފެދިފައިވާ ބައިބައިވުމުގެ މައްސަލަ ޙައްލުކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

ޣައްޒާ އަށް އިންސާނީ އެހީ ހިފައިގެން 2009 ވަނަ އަހަރު ދިޔަ ތުރުކީގެ އާގު ބޯޓަށް އިސްރާއީލުން ޙަމަލާދީ އެބޯޓުގައިތިބި ތުރުކީގެ ސުލްޙައިގެ އެކްޓިވިސްޓުންގެ ނުވަ މީހުން މަރާލި މައްސަލާގައި ތުރުކީ ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަ ނުކުރަނީސް އިސްރާއީލާ ގުޅުންތައް އަލުން ޤާއިމް ކުރެވެން ނޯންނާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. މި މައްސަލަ ޙައްލުކުރުމަށް ތުރުކީން އިސްރާއީލަށް ހުށަހަޅާފައިވާ ޝަރުތުތަކީ މިއީ އިސްރާއީލު ހިންގި ޖަރީމާއެއްކަމަށް އެއްބަސްވެ، އެކަމަށް ތުރުކީގެ ކިބައިން މަޢާފަށް އެދުމާއި މަރާލެވުނު ތުރުކީ ރައްޔިތުންގެ ޢާއިލާތަކަށް ބަދަލު ދިނުމާއި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް އުވާލުމެވެ. މިޝަރުތުތައް އިސްރާއީލުން ފުރިހަމަ ނުކުރަނީސް އިސްރާއީލާ އަލުން ގުޅުންތައް ޤާއިމް ނުކުރެވޭނެކަން ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލް އަަށް ވެސް ދަންނަވާފައިވާނެ ކަމަށާއި އިސްރާއީލާ ގުޅުންތައް ރަނގަނޅުކުރުމަށް މާކެލް އޭނާ އަށް އިލްތިމާސް ކުރެއްވި ކަމަށް އުރުުދުޣާން ވިދާޅުވި އެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ފޫއަޅުވާލުމުގެ ގޮތުންނާއި އިސްރާއީލުން ސުންނާފަތިކޮށްފައިވާ ޣައްޒާ އަލުން ބިނާކޮށް އާރާސްތުކުރުމަށް ބޮޑު މަޝްރޫޢެއް އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން ޤަތަރުގެ އަމީރު އައްޝައިޚް ޙަމަދް ބިން ޚަލީފާ މީގެ ދެހަފްތާ ކުރިންވަނީ ޣައްޒާއަށް ޒިޔާރަތް ކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)