03 Nov 2012, 09:31
މުސްލިމުންނަށް ޙަމަލާދީ އެމީހުން މަރައިގެން އަލްޤާޢިދާގެ މައްސަލަ އެމެރިކާ އަށް ޙައްލުނުކުރެވޭނެ ކަމަށް އެެމެރިކާގެ ނޫހެއްކަމަށްވާ ވޮޝިންގްޓަން ޕޯސްޓް ބުނެފި އެވެ.
އެމެރިކާގައި ކުރިން ހުންނެވި ޕާކިސްތާނުގެ ސަފީރު ޙުސައިން ޙައްޤާނީ، މިނޫހުގައި ލިޔުއްވާފައިވާ މަޒްމޫނެއް ބުނާގޮތުން މުސްލިމުންގެ ބައެއް ޒުވާނުންގެ މެދުގައި އުފެދެމުންދާ އެމެރިކާއާ ހުޅަނގާ ދެކޮޅަށް ބަދަލުހިފުމުގެ ރޫހު (އަލްޤާޢިދާގެ ފިކުރު)ގެ އިތުރުން މަޒްހަބީ ފިކުރުތަކުގައި މުސްލިމް ޒުވާނުން ހައްދުފަހަނަޅާއި ދިޔުމުގެ މައްސަލައަކީ ވެސް ޓެރަރިޒަމާ އިދިކޮޅު ނަމުގައި ހަނގުރާމަކޮށްގެންނާއި ޑްރޯން މަތިންދާބޯޓުން ޙަމަލާދީ ޑަޒަން ޑަޒަނަށް މުސްލިމުން މަރައިގެން ޙައްލުކުރެވޭނެ ކަންތައްތަކެއް ނޫނެވެ.
ޙައްޤާނީ ލިޔުއްވާފައިވާ ގޮތުގައި އަލްޤާއިދާއާއި ތާލިބާނުންގެ ހަރުކަށި ފިކުރާ ކުރިމަތިލުމުގައި ހަނގުރާމަކޮށް ގޮތެއްފޮތެއް ނެތި މުސްލިމުން މެރުން ފިޔަވައި މިމައްސަަލަ ހައްލުކުރާނެ އެހެން ވިސްނުމެއް އެމެރިކާގެ ވެރިންނާއި ސިޔާސީ ފަރާތްތަކުގެ ކިބާގައި ނެތުމަކީ އެމެރިކާއަކީ ޙިކްމަތްތެރިކަމެއް ނެތި ހަމައެކަނި ބަދަލުހިފުމުގެ ރޫހެއްގައި ކުރިޔަށްދާ ހަރުކަށި ޤައުމެއްކަން ދުނިޔެއަށް ވަނީ ސާބިތުވެފަ އެވެ. އަލްޤާއިދާ އާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާގެ ކުރިއާ އަދި މިހާރުގެ މަސްއޫލުވެރިން ވެސް ވަނީ ފުޅާދާއިރާއެއްގައި އިންސާނީ ޙައްޤުތަކަށް އަރައިގަނެ ކުށެއްނެތް އެތައް މުސްލިމުންނެއްގެ ލޭއޮހޮރުވާލައި މުސްލިމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގާފައި ކަމަށާއި މިއީ ޓެރަރިސްޓުންގެ ގޮތުގައި ޙަރަކާތްތެރިވާ އަލްޤާޢިދާގެ ހަނގުރާމަވެރިން ވެސް ގެންގުޅޭ އުސޫލުތަކާ އެއްގޮތް އުސޫލުތަކެއް ކަމަށް ކަމުގަ އެވެ.
އެެމެރިކާގެ މިފަދަ ހަރުކަށި ޢަމަލުތަކުގެ ސަބަބުން މުސްލިމް ޒުވާނުންގެ މެދުގައި ބަދަލުހިފުމުގެ ރޫހު އާލާވެ އެމެރިކާ އާއި ހުޅަނގާ އިދިކޮޅު ޓެރަރިސްޓުުންނަށް ގިނަ ޢަދަދެއްގެ މުސްލިމް ޒުވާާނުން ބަދަލުވަމުންދާ ކަމަށާއި މިފަދަ މުސްލިމް ޒުވާން ހަނގުރާމަވެރިންގެ ނުރައްކާ އެމެރިކާއެކޭ އެއްގޮތަށް އިސްލާމީ މުޖްތަމަޢުތަކަށް ވެސް ބޮޑުވެފައިވާ ކަމަށް ވިދާޅުވެ އަލްޤާއިދާއިދާގެ ހަނގުރާމަވެރިންގެ ޙަމަލާތަކުގެ ސަބަބުން ޢިރާޤުގެ ރައްޔިތުން މަރުވަމުންދާ މައްސަލަ އަށާއި ތާލިބާނުންގެ ބޮންގެއްވުމުގެ ޙަމަލާތަކުގެ ސަބަބުން ޕާކިސްތާނުގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް ހައްޤާނީ ބައްލަވާލައްވާފައިވެ އެވެ.
އުސާމާ ބިންލާދިން އަވަހާރަވުމަށް ފަހު ވެސް އަލްޤާޢިދާގެ ބާރު ކެނޑުމުގެ ބަދަލުގައި އެ ޖަމާޢަތް އިތުރަށް ބާރުގަދަ ވެފައި ވަނީ އެމެރިކާގެ މިފަދަ ހަރުކަށި ޢަމަލުތަކާއި ބަދަލު ހިފުމުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ޙައްޤާނީ ލިޔުއްވާފައިވެ އެވެ. އަލްޤާއިދާ ބަލިކުރެވޭނީ އެޖަމާއަތުގެ ހަރުކަށި ފިކުރަށް މުސްލިމް ޒުވާނުންދާ ސަބަބު ހޯދައި އެކަން ޙައްލުކުރުމަށް ޓަކައި އިސްލާމީ ޤައުމުތަކާ ވެސް ގުޅިގެން ޙިކްމަތްތެރި ސިޔާސަތުތަކަކާއި ހަނގުރާމައިގެ ސްޓްރެޓެޖީގެ ބަދަލުގައި ސުލްޙަވެރި ސްޓްރެޓެޖީއެއް ރާވައި ތަންފީޒު ކޮށްގެން ކަމަށާއި އެހެންނޫނީ އަލްޤާޢިދާއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ޚަރަދުތައް ބޮޑުވެގެން އެެމެރިކާގެ އިޤްތިސާދު ވެސް އިތުރަށް ބަލިކަށިވެ ދިގުމުއްދަތެއްގައި އެމެރިކާގެ ބަލިކަށިވެގެންދާނެ ކަމަށް ހައްޤާނީ ލިޔުއްވާފައިވެ އެވެ.
އަލްޤާޢިދާގެ ފިކުރުގައި މުސްލިމް ޒުވާނުން ޖެހެނީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޒަންގެއްލުންފަދަ ހުޅަނގު އިސްކޮށް އޮވެގެން މުސްލިމުންނާއިި އިސްލާމީ ދުނިޔެއާމެދު ހިންގާފައިވާ ކަންތައްތަކުގައިސަބަބުން މުސްލިމުންނަކީ ހުޅަނގުގެ ފަރާތުން އަނިޔާލިބި ނިކަމެތި ކޮށްލެވިފައިވާ އުންމަތެއް ކަމުގެ ޝުޢޫރާއި އިޙްސާސްތައް ކުރެވިގެން ކަމަށް ވެސް ހައްޤާނީ ލިޔުއްވާފައިވެ އެވެ. (ވޮޝިންޓަން ޕޯސްޓް)