ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އަތްގަދަ ކުރުމަށް އެކި ނަންނަމުގައި އެކި ހައިސިއްޔަތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ތިނެއް ނޮވެމްބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާނުގައި ހަނދާފައިވާ ބިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ގައުމާ މުހާތަބު ކުރައްވާ ރައީސް ވަހީދު މިރޭ ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ލާދީނީ އޮއެވަރުތައް ފޮނުވަމުން އަންނަ ކަމަށާއި އެކަންތައްތަކަށް ދިވެހިން ތަބާވާން ޖެހޭނެކަން ވިސްނައިދެމުންވެސް އަންނަ ކަމަށެވެ.

"މިރާއްޖެ މިވަނީ ބަދަލުވެފައި. ދިވެހިންގެ އާދަކާދަ އާއި، އުޅުމާއި އަޚްލާޤަށް މިވަނީ ތަފާތު ބަދަލުތަކެއް އައިސްފައި. ބޭރުގެ ފަރާތްތަކުންދަނީ، އެކިގޮތްގޮތުން އަޅުގަނޑުމެންގެ މައްޗަށް ނުފޫޒު ފޯރުވޭތޯ އެކި ނަންނަމުގައި، އެކި ޙައިޘިއްޔަތުތަކުން މިރާއްޖޭގައި އަތްގަދަ ކުރެވޭތޯ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ދުނިޔެއަށް އަންނަ ބަދަލުތަކާއި އެކު އޭގެ އަސަރު ރާއްޖެއަށްވެސް ކުރާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އޭގެ ސަބަބުން ދިވެހިންގެ އިސްލާމްދީނާއި މިނިވަންކަމާއި އަދި އިސްތިގުލާލަށް ބުރޫ އެރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ހަލަބޮލިކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އިސްލާމްދީނަކީ، މިރާއްޖެ މިއަދާ ހަމައަށް ދެމިއޮތުމުގެ ސަބަބު. އެދީނުގެ ހިދާޔަތު ނެތްނަމަ، އަޅުގަނޑުމެން މިއަދު މިދުވަސް ފާހަގަކުރަން މިތާކު ނުތިބޭނެ،... ޤައުމުގެ ހަމަޖެހުމާއި ޞުލްޙަ ނަގާނުލުމަށް އެންމެހާ ސިޔާސީ ފަރާތްތަކަށް އަޅުގަނޑު މި ފުރުސަތުގައި ގޮވާލަން. އާދެ، މުޖުތަމަޢުގެ ހަމަޖެހުމާއި، އިޖުތިމާޢީ ޢަދާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި، ތިޔަ އެންމެހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އެ މަގުން ވާހަކަ ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ މުޖުތަމައެއްގައި ގާނޫނުތަކާއި ގަވާއިދުތައް ހަދާފައިވަނީ އެންމެންގެ މަސައްލަހަތައް ކަމަށާއި އެ ގަވާއިދުތަކާއި ގާނޫނުތަކަށް އެންމެންވެސް ބޯލަބަން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ތަބާވުމަށް ރައީސް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރެއްވި އެވެ.

ޑިމޮކްރަސީގެ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާ ލައްވާ ރައީސް ވިދާޅުވީ އެ ބަދަލުތަކުގެ ސަބަބުން ކުރިން ނުލިބިވާ އެތައް ހައްގުތަކެއް މިއަދު ލިބިފައިވާ ކަމަށާއި ނަމަވެސް އެ ހައްގުތަކުގެ ބޭނުން ކުރުމުގައި ޒިންމާތަކެއްވެސް އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ ހައްގުގެ ބޭނުން ކުރުމުގައި އަނެކާގެ ހައްގަށްވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

"އަނެކުންގެ ޙައްޤުތަކަށާއި މިނިވަންކަމަށް އިޙްތިރާމްކޮށް، އެއަށް ރައްކާތެރިވެ، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ދިވެހިރާއްޖޭގެ ސިޔާދަތާއި އެއްބައިވަންތަކަމާއި، އަމަންއަމާންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ، ޤާނޫނު އަސާސީން އަޅުގަނޑުމެންގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަކެއް. އެހެންކަމުން، ދިވެހި ކޮންމެ ރައްޔިތަކުމެ، މިކަންކަމަށް ސަމާލުކަން ދެއްވުމަށް އަޅުގަނޑު އިލްތިމާސްކޮށް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ދިވެހި ބަޔަކާއި ތަމަޅަޓައިގަރުން ގުޅިގެން މީގެ 24 އަހަރު ކުރިން ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މައްޗަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ އެއީ ދިވެހިންނަށް ކުރިމަތިވި ނާމާން ބިރުވެރި ދުވަހެއް ކަމަށާއި އެފަދަ ދެ ވަނަ ދުވަހެއް ތަކުރާރު ވިޔަ ނުދިނުމަށް ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލާ މެދު އަބަދުވެސް ސަމާލުވާން ޖެހޭ ކަމަށެވެ. އެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރުމަށް މަސައްކަތް ކުރެއްވި ފަރާތްތަކުގެ ހަނދާން އާ ކުރައްވާ އެ ފަރާތްތަކަށް ރައީސް ވަކިވަކިން ޝުކުރުދެންނެވި އެވެ.

އެދުވަހު ދިވެހި ސިފައިން ދެއްކި ހިތްވަރުގަދަ ޖިހާދުގެ މައްޗަށް ބައްލަވާ ލައްވަމުން ވިދާޅުވީ ޙަމަލާގެ އެންމެ ފުރަތަމަ ހިނދުކޮޅުން ފެށިގެން، ބާޣީންނަށް ރައްދު ޙަމަލާދިނުމުގައި، ދިވެހި ސިފައިން ދައްކައިދީފައިވާ ސާބިތުކަމާއި ހިތްވަރުގަދަކަމަކީ، ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވިފައިވާ ކަންތައްތަކެއް ކަމަށާއި އަންނަން އޮތް ޖީލުތަކުންވެސް އުފަލާއެކު، ދިވެހި ސިފައިންގެ ޚިދުމަތުގެ އަގު ވަޒަންކުރާނެ ކަމަށެވެ. އެގޮތުން އެ ދުވަހުގެ ބަތަލް ޝަހީދު ކޯޕްރަލް ހުސެއިން އާދަމްގެ ނަންފުޅު ރައީސް ފާހަގަ ކުރެއްވި އެވެ.

އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތައުރީފް ކުރައްވާ ރައީސް ވިދާޅުވީ އެފަދަ ދަނޑިވަޅެއްގައި ގައުމު ސަލާމަތް ކުރައްވަން އެޅުއްވި ފިޔަވަޅު ތަކަކީ ވެރިއެއްގެ ހައިސިއްޔަތުން އެޅުއްވޭނެ އެންމެ ހަރުދަނާ ފިޔަވަޅުތައް ކަމަށެވެ. ރައީސް ވަހީދު މައުމޫން ސިފަކުރެއްވީ ގައުމީ ބަތަލެއްގެ ގޮތުގަ އެވެ.

"އެންމެހާ ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ޝުކުރު އަރިސްކުރަމުން. އެމަނިކުފާނު، އެދުވަހު ކޮށްދެއްވި މަސައްކަތްޕުޅުތަކަކީ، ޤައުމުގެ ވެރިއެއްގެ ޙައިޘިއްޔަތުން ވެރިއަކަށް ކޮށްދެއްވޭނެ އެންމެ ފުރިހަމަ މަސައްކަތްޕުޅުތަކެއް. އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަކީ، ދިވެހި ޤައުމު އަބަދުވެސް ޝުކުރުވެރިވާންޖެހޭ ޤައުމީ ބަޠަލެއް،" ރައީސް ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން އެ ދުވަހު ރާއްޖެއަށް ލިބުނު އެހީތަކަށްވެސް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ދިވެހިންގެ މަދު ބަޔަކު ބޭރުގެ ޓެރަރިސްޓު ޖަމާއަތަކާއި ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އާއްމު ރައްޔިތުންގެ ތެރެއިން 11 މީހަކާއި ސިފައިންގެ ތެރެއިން އަށްމީހަކު ސަހީދުވެފައި ވެއެވެ.

މިރޭ ޖުމްހޫރީ ބިނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ސިފައިންގެ ކުރީގެ އިސްވެރިން އަދި ރައްޔިތުން މަޖިލީހުގެ މެންބަރުން ބައިވެރިވެ ވަޑައިގަތެވެ. އެ ހަފްލާގައި ސިފައިންގެ ހެވިކަމުގެ ކުޅިވަރުތައްވެސް އޮތެވެ. ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވައިފަ އެވެ.