ދެމެހެއްޓެނިވި ގޮތަކަށް ކުރާ މަސްވެރިކަން ޕްރޮމޯޓް ކުރުމަށާއި ތިމާވެއްޓާ ގާތްގޮތަކަށް ކުރާ މަސްވެރިކަމެއް ޕްރޮމޯޓްކުރުމުގެ ގޮތުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ ގްރީންޕީސް އިން ރާއްޖޭގައި މަސައްކަތްފަށައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގްރީންޕީސްގެ ޖަމިއްޔާގެ ވެރިއެއްކަމަށްވާ ކަމަށްވާ އޮލިވާ ނޯލުސް ވިދާޅުވީ އެކަށޭނަ މަސްވެރިކަމެއް ޕްރޮމޯޓް ކުރުމަށް ޓަކައި ރާއްޖޭގެ ކޯސްޓްގާޑާ އެކީ ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އަދި ރާއްޖޭގެ މަސްވެރިކަމާ ބެހޭ ތަފާތު ދިރާސާތައް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގައި ސިޔާސީ ފަރާތްތަކާ މަޝްވަރާ ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

"ދެ ވަނަ އަށް އެންމެ ގިނައިން މަސް ލިބެނީ އިންޑިއާ ކަނޑުން، ނަމަވެސް މަސްވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ދާއަޅައިގެން މަސްވެރިކަން ކުރުން،" ނޯލުސް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ދާއަޅައިގެން މަސްވެރިކަން ކުރުމުގެ ސަބަބުން ކަނޑުގެ އެތައް ދިރުންތަކަކަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ. އަދި ރާއްޖޭގައި ކުރާ ދޮސީގެ މަސްވެރިކަމަކީ އެންމެ އެކަށީގެންވާ ގޮތަށް ކުރާ މަސްވެރިކަމަށް ވާތީ އެކަމަށް ތައުރީފްކުރެއްވި އެވެ. އަދި ވިދާޅުވީ މިއީ އިންޑިއާ ކަނޑުގައި ހިންގާ ފުރަތަމަ ދިރާސާ ކަމަށާއި ނަމަވެސް މިއީ ފެށުމެއް ކަމަށެވެ.

ގްރީން ޕީސް އިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޓަކައި އެ ޖަމިއްޔާ އިން ދިރާސާތަކަށް ބޭނުންކުރާ ބޯޓްކަމަށްވާ "ރެއިންބޯ ވޮރިއާ" ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ރާއްޖެ އައިސްފަ އެވެ. އަދި މަސްވެރިކަމާ ބެހޭ ދިރާސާތައް ކުރުމަށް އެބޯޓް ވަނީ ދެކުނުގެ ސަރަހައްދުތަކުގައި ދަތުރުކޮށް ވެސްހަދައިަފ އެވެ. އަދި މި މަހުގެ ފަސް ވަނަ ދުވަހު އެބޯޓްގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.