ސަތާރަ އަތޮޅަކަށް ފުލުހުންގެ ކޮމާންޑަރުން އައްޔަންކޮށް މަގާމާއި މަސްއޫލިއްޔަތު އަދާކުރުމުގެ ލިޔުން ކޮމިޝަނާ އެބޭފުޅުންނާ ހަވާލުކުރައްވައިފި އެވެ.

އެ 17 ކޮމާންޑަރުންނަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާރު އޮތީ އިއްޔެ ހެނދުނު އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފުލުހުން ބުނީ އެ އެކޮމާންޑަރުން އައްޔަންކުރެވުނު އަތޮޅުތަކުގައި ދެ އަހަރު ދުވަހުގެ ޓާމެއް ކޮންމެ ކޮމާންޑަރަކުުވެސް ފުރިހަމަ ކުރާނެ ކަމަށެވެ. އަލަށް ޢައްޔަންކުރެވުނު ކޮމާންޑަރުން ވަނީ މަޤާމަށް ޢައްޔަންކުރުމުގެ ކުރިން ސްޓޭޝަން މެނޭޖްމަންޓް ކޯހާއި ޕަބްލިކް އޯޑާ ޓްރޭނިން ކޯސް ފުރިހަމަ ކޮށްފައިކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް ކޮމާންޑަރުން އައްޔަން ކުރީ ކޮން ރަށްރަށަކަށް ކަމެއް އަދި އެއީ ކޮންބޭފުޅުންނެއް ކަމެއްވެސް ފުލުހުން ހާމަކޮށްފައެއްނުވެ އެވެ.

އަތޮޅު ކޮމާންޑަރުންނާއި ލިޔުން ޙަވާލުކޮށްދެއްވުމަށްފަހު ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ އަތޮޅު ކޮމާންޑަރުންގެ މަސްއޫލިއްޔަތަކީ މުހިންމު މަސައްކަތެއް ކަމަށާއި އަތޮޅުތެރޭގައި ހުންނަ ފުލުހުންގެ މަރުކަޒުތަކުން ޚިދުމަތްދިނުމުގައި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމުކަމެއް ކަމަށެވެ.

ކޮންމެ ކޮމާންޑަރަކުވެސް އެ ކޮމާންޑަރަކު ހުންނަވާ އަތޮޅެއްގައި ފުލުހުންގެ ޚިދުމަތް ކުރިޔަށް ގެންދިއުމުގައި ރަށްރަށާއި އަތޮޅުގެ ކައުންސިލްތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ޢާއްމު ރައްޔިތުންނާއި ވީހާވެސް ބޮޑަށް ގުޅިގެން ޚިދުމަތް ކުރެއްވުމަށް ކޮމިޝަނާ އެދިވަޑައިގެންނެވި އެވެ.

"ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ވެފައިވާ ޚިދުމަތަކަށް ހެދުމަށް ހުރިހާ ކޮމާންޑަރުން އެއަތޮޅެއްގައި މަސައްކަތްކުރާ ފުލުހުންނާއެކު މަސައްކަތް ކުރައްވަން ޖެހޭ،" ކޮމިޝަނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމާންޑަރުން މަސައްކަތް ކުރައްވަން ވާނީ ކޮންމެ ރައްޔިތަކާމެދުވެސް ހަމަ ހަމަކޮށް ކަންތައް ކުރުމަށާއި ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ޤަވާޢިދުތައް ތަންފީޒުކޮށް، މުޖުތަމަޢުގެ ހަމަޖެހުމާއި މަޞްލަޙަތަށް އިސްކަންދީގެން ކަމަށެވެ.