02 Nov 2012, 18:49
މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ހއ. ހޯރަފުއްޓަށް އަނެއްކާވެސް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޗީފް ކޯޑިނޭޓަރު މުހައްމަދު އަހުމަދު ވިދާޅުވީ އަނެއްކާވެސް އިތުރަށް ހޯރަފުއްޓަށް ކާޑުގެ ބާވަތްތަށް ފޯރުކޮށްދީފައި ވާނެ ކަމަށެވެ. އެގޮތުން މިހާތަނަށް އެރަށަށް ފޯރުކޮށްދެވިފައި ވަނީ 90 ބަސްތާ ކާޑާއި 245 ކޭސް ފެން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރަށް އެހެނިހެން ބާވަތްތަކުގެ ތަކެތިވެސް ވެސް ފޯރުކޮށްދީފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާތަނަށް 90 ބަސްތާ ހަނޑޫ، ހަކުރު، ފުށް ފޯރުކޮށްދީފައި ވޭ. އަދި 245 ކޭސް ފެން ވެސް ފޯރުކޮށްދީފައި ވާނެ. މީގެ އިތުރަށް އަޅުގަނޑުމެން އެރަށަށް ފޯރުކޮށްދީފައިވާ ތަކެތީގެ ތެރޭގައި 20 ބިސްކޯދު ކޭހާއި ފަސް ކޭސް ކުކިން އޮއިލް އާއި ފަސް ބެރަލް ކްލޮރިން ހިމެނޭ،" މުހައްމަދު އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިމަޖެންސީ ހާލަތުގައި ބޭނުންކުރާނެ ބޭހާއި 20 ގޮދަޑިއާއި 40 ބާލީސް މިއަދު ފޯރުކޮށްދީފައި ވާއިރު 80 ގޮދަޑިއާއި 160 ބާލީހާއި 200 ރަޖާ މާދަމާ އެރަށަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހޯރަފުށީގައި 15 ގޭބިސީއެއް ފިޔަވައި އެހެންތަންތަނުން މީހުން ބަދަލުކޮށްފައިވާއިރު އޭގެ ތެރެއިން އެއް ގޭބިސީ އިއްޔެ ވަގުތީ ހިޔަަލަށް ބަދަލުކުރި ނަމަވެސް ހުރިހާ ގެތަކުގެ މީހުން މިހާރު އަނބުރާ ގެއަށް ބަދަލުކޮށްފައިވާ ކަމަށް ވެސް މުހަންމަދު ވިދާޅުވި އެވެ. އަދި ނިދުމުގައި ދަތިތަކެއް ހުރި ހަތް ގޭބިސީއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހއ. ހޯރަފުށީގައި 15 ގޭބިސީއެއް ދިރިއުޅޭގެ ފިޔަވައި އެހެންތަންތަނަށް ބަދަލުކުރެވުނު. އޭގެތެރެއިން އެއް ގޭބިސީ ވަގުތީ ހިޔަލަށް ބަދަލުކުރެވުނު. މިއީ ޖުމްލަ އާބާދީގެ 74 މީހުން. އިއްޔެ ހުރިހާ ގެއެއްގެ މީހުން އަނބުރާ ގެއަށް ބަދަލުކުރެވުނު،" މުހައްމަދު އަހުމަދު ވިދާޅުވި އެވެ.
މީގެއިތުރުން ހއ. އިހަވަންދޫ އާއި ކެލާ އަދި ހދ. ނޮޅިވަރަންފަރުގައި ކާޑުގެ ބާވަތްތަށް މަދުވެގެން ހދ. ކުޅުދުއްފުށީގައި ހުރި އެސްޓީއޯ ރީޖިނަލް ސެންޓަރު މެދުވެރިކޮށް ކާޑުގެ ބާވަތްތައް ފޯރުކޮށްދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ލ. އިސްދޫ އާއި މާވަށާއި މާބައިދޫން ވެސް ކާޑުގެ ބާވަތްތަށް މަދުވެގެން އެއަތޮޅު ފޮނަދޫގައި ހުރި އެސްޓީއޯ ރީޖިނަލް ސެންޓަރު މެދުވެރިކޮށް ކާޑުގެ ބާވަތްތަށް ފޯރުކޮށްދީފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްލަ 11 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުން ލިބިފައިވާކަމަށާއި އެގޮތުން ލ. ގަން ތުނޑީ އަވަށުގެ 120 ގެއެއް ހިމެނޭ ސަރަހައްދުގެ ނަރުދަމާގެ ނިޒާމްގެ ޕަންޕު ހަލާކުވެފައިވާތީ އެ ދެ ޕަންޕް މާލެ ގެނެސް އެމްޑަބްލިއުއެސްސީ މެދުވެރިކޮށް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ބައެއް ހިސާބުތަކަށް ގުގުރުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.