02 Nov 2012, 18:23
ރިޓަޔާމަންޓް ޕެންޝަން ސްކީމްގައި ރަޖިސްޓްރީކުރުމަށް ފަހު މުވައްޒަގުންގެ ޕެންޝަނަށް ސްކީމަށް ފައިސާ ޖަމާކޮށްދެމުން ނުދާ އިތުރު އަށް ކުންފުންޏެއްގެ ނަން ޕެންޝަން އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފި އެވެ.
ޕެންޝަނަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ސެޕްޓެމްބަރު މަހުގެ ތެރޭގައި އާންމުކުރިއިރު 90 ފަރާތެއް އެ ލިސްޓްގައިވެ އެވެ. ނަމަވެސް ނަންތައް އާންމުކުރުމުން 24 ފަރާތަކުން ފައިސާ ދެއްކި އެވެ.
އެ ލިސްޓް އިއްޔެގެ ނިޔަލަށް އަޕްޑޭޓް ކުރިއިރު 73 ކުންފުންޏަކުން މުވައްޒިފުންނަށް ޕެންޝަން ފައިސާ ޖަމާނުކޮށް ނުދީ ވެއެވެ.
އެ ލިސްޓަށް އަލަށް އިތުރުވި އަށް ފަރާތަކީ މާއޮޅު ކައުންސިލް އިދާރާ އާއި އެޓޯލް ޕެރަޑައިޒް ޕްރައިވެޓް ލިމިޓެޑާއި އެވްރިވަންސް ލާނިން ސެންޓަރާއި އައިޕީ ކޮންސްޓްރަކްޝަނާއި އައިލެންއެޑިޝަންސް އާއި ނޭޗާ މޯލްޑިވްސް އާއި ފީނިކްސް ހޮޓަލްސް އެންޑް ރިސޯޓްސް އަދި އާރްއެމްސީއައި ޕްރައިވެޓް ލިމިޓެޑެވެ.
ޕެންޝަން އޮފީހުން ބުނީ ފައިސާ ނުދައްކާ ތިބ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންވެސް އަންނަ ކަމަށާއި އަދި އެ ތަންތަނަށް ޒިޔާރަތްކޮށް ފައިސާ ދެއްކުމަށް ބާރު އަޅަމުންވެސް އަންނަ ކަމަށެވެ.
ޕެންޝަނަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމު ކުރުމަށް ފަހު 15 ދުވަހުގެ މުއްދަތު ފައިސާ ޖަމާކުރަންދެ އެވެ. އެ މުއްދަތުގައި ފައިސާ ޖަމާނުކޮށްފިނަމަ އެފަދަ ފަރާތްތަކުގެ މައްސަލަތައް ޝަރީއަތަށް ފޮނުވުމަށް ޕެންޝަން އޮފީހުން އަންނަނީ ތައްޔާރުވަމުންނެވެ.