16 Sep 2010, 08:28
ހަތަރު ލައްކައަށް ވުރެ ގިނަ ޑޮލަރު (5.4 މިލިޔަން ރުފިޔާ) ހޯދަން ތިން އަންހެނަކު، ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީނު އަލީގެ މައްޗަށް ކުރި ދައުވާ އަކީ ގާނޫނީ ގޮތުން ކުރެވޭނެ ދައުވާއެއް ނޫން ކަމަށް މަދަނީ ކޯޓުން ހުކުމްކޮށްފި އެވެ.
ވަކި ތިން ދައުވާއަކުން ތަސްމީންގެ މައްޗަށް ދައުވާކުރީ މއ. ބިންމަތީގޭ އައިޝަތު އާލިމާ އަލީ އާއި ދ. ކުޑަހުވަދޫ ފަޅޯގަސްދޮށުގޭ ތޯހިރާ ހުސައިން އާއި ބ. އޭދަފުށީ އަލިވާގޭ ޝަހީދާ ޒަކަރިއްޔާ އެވެ.
މި ތިން ދައުވާ ޝަރީއަތުން ބެއްލެވުމަށް ފަހު ގާޒީ މަރިޔަން ނިހާޔަތު ވަކިވިވަކިން އިއްވެވި ތިން ހުކުމުގައި ވެސް ވަނީ ތަސްމީނުގެ ކިބައިން ހޯދަން އެދިފައިވާ ފައިސާ އަކީ ށ. ކަނބާލިފަރު ތަރައްގީކުރުމާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ތަސްމީން އަލީގެ ފަރާތުން ލިބެންޖެހޭ ފައިސާއެއް ކަމަށް ދައުވާކުރާ ފަރާތުން ބުނެފައިވާއިރު އެ މުއާމަލާތާ ގުޅޭ ގޮތުން ދައުވާކުރާ ފަރާތްތަކާއި ތަސްމީނާ ދެމެދު ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއްވާކަން އެނގެން ނެތުމުން މިއީ ތަސްމީނުގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށާއި މި ދައުވާ ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
ތަސްމީނުގެ މައްޗަށް މަދަނީ ހައްގު ހޯދަން ދައުވާ އުފުލި ތިން އަންހެނުން ދައުވާކޮށްފައި ވަނީ އެއިން ކޮންމެ މީހަކު 25 ޕަސެންޓް ހިއްސާވާ ވިކްޓޯރިޔަސް ޓްރެވެލް އެންޑް ޓުއާސްގެ ށ. ކަނބާލިފަރު، ރިސޯޓު ތަސްމީނަށް ވިއްކާލުމުން ކުންފުނީގެ ކޮންމެ ޑައިރެކްޓަރަކަށް ވަކިވަކިން ތަސްމީނު ދެއްވަންޖެހޭ ފައިސާގެ ތެރެއިން އެ ތިން އަންހެނުންނަށް ދޭންޖެހޭ ފައިސާގެ ބޮޑު ބައެއް ތަސްމީނު ދެއްވައިފައިނުވާ ކަމަށް ބުނެ، އެ ފައިސާ އެއްފަހަރާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށެވެ.
ވަކިވަކި، ތިން ދައުވާގައި ވެސް ހިމަނާފައި ވަނީ އެއް ބައިތަކެކެވެ. ނަމަވެސް އޭގެ ތެރެއިން އައިޝަތު އާލިމާ ފިޔަވައި އަނެއް ދެމީހުން ދައުވާކޮށްފައި ވަނީ 150،000 އެމެރިކާ ޑޮލަރު ނަގައިދިނުމަށެވެ. އެއީ ތޯހިރާ އާއި ޝަހީދާ އެވެ. އާލިމާ ދައުވާކޮށްފައި ވަނީ 126،653.69 ޑޮލަރު އެއްފަހަރާ ނަގައިދިނުމަށެވެ.
މައިގަނޑު ދައުވާއަކީ އެމީހުން ހިއްސާވާ ވިކްޓޯރިޔަސް ޓްރެވަލްސް އެންޑް ޓުއާސް އިން ހަރަދުކޮށްގެން މއ. އަނާވިލާ، އަލީ ޝަރީފުގެ ނަމުގައި ބިޑްކޮށްގެން އެ ކުންފުނަޏަށް ލިބިފައިވާ ށ. ކަނބާލިފަރު ރިސޯޓު ވިއްކާލުމަށް ތަސްމީނާއި އަލީ ޝަރީފާ ދެމެދު އެގްރިމެންޓް ކުރުވައި ރަށް ވިއްކާލުމުން ކުންފުނީގެ ހަތަރު ޑިރެކްޓަރުނަށް ތަސްމީނު ދެއްވަންޖެހޭ ފައިސާގެ ތެރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ފައިސާ ދެއްކެވުމަށް ފަހު މިހާތަނަށް ވެސް ފައިސާ ނުދައްކަވައި އޮތުމުން ވަކިވަކިން ތިން ޑައިރެކްޓަރުންނަށް ދައްކަވަންޖެހޭ ކަމަށް އެ މީހުން ބުނާ ފައިސާ ހޯދުމެވެ.
ވިކްޓޯރިޔަސް ޓްރެވެލް އެންޑް ޓްއާސް އިން ށ. ކަނބާލިފަރު ތަސްމީނަށް ވިއްކާލީ 8.7 މިލިއަން ޑޮލަށެވެ. އެ ކުންފުނީގެ ޑައިރެކްޓަރުން ގޮތުގައި ހިމެނޭ އަލީފާ އަހުމަދު ފައިސާ ހޯދުމަށް ދައުވާކޮށްފައެއްނުވެ އެވެ.
މި ދައުވާ އަކީ ނުކުރެވޭނެ ދައުވާއެއް ކަމަށް ކޯޓުން ނިންމުމުން ދައުވާކުރާ ފަރާތްތަކުން ވަނީ ތަސްމީނުގެ ވަކީލު އަހުމަދު ފާއިޒަށް ކޯޓުގެ ތެރޭގައި ބަހުގެ ހަމަލާތައް ދީފަ އެވެ.