02 Nov 2012, 17:16
މި އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބަޔެއްގެ އަތުން ފައިސާ ނަގާފައިވާ މަލީޝާ ހައްޖު އެންޑް އުމުރާ ގްރޫޕުގެ އިސްފަރާތް، ހުޅުމާލެ، އާފިނި ވިލާ، އިސްމާއިލް އަބްދުލްލަތީފު 42އ، އަދިވެސް ފެނިފައިނުވާތީ މާޔޫސްވެފައިތިބި މީހުންނަށް ސަރުކާރުން އެހީތެރިވެދިނުމަށް މަސައްކަތްތަކެއް ކުރަމުންދޭތޯ ބެލުމަށް މަޖީލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް މައްސަލަ ހުށަހަޅައިފި އެވެ.
ކޮމެޓީއަށް އެ މައްސަލަ ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު މުހައްމަރު ތާރިގެވެ. އޭނާ ވިދާޅުވީ އެތަށް ދުވަހެއް ވަންދެން ރައްޔިތުންތަކެއް އެއްކޮށްފައިވާ ފައިސާތަކެއް މަލީޝާ ޖަމާއަތުން މަކަރާއި ހީލަތުން ނަގައިގެން ފިލުމުން ހައްޖަށް ދިއުމުގެ އުންމީދުގައި ތިބި މީހުން މިއަދު ތިބީ މާޔޫސްކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ހައްޖުގެ އަޅުކަން އަދާނުކުރެވި އެހީތެރިވާނެ ބަޔަކު ނެތިފައިތިބި މީހުންނަށް ސަރުކާރުން އަޅާލަމުންދޭތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހައްޖަށް ދިއުމަށްޓަކައި މަލީޝާ ޖަމާއަތަށް 175 މީހަކު ފައިސާ ދައްކާފައިވެ އެވެ. ކޮންމެ މީހަކު ދެއްކި 68000ރ. އާއެކު ޖުމްލަ 12 މިލިއަން ރުފިޔާ ވަނީ އެ ޖަމާއަތަށް ލިބިފަ އެވެ. އަދި އެ މައްސަލާގައި އެ ޖަމާއަތުގެ ވެރިޔާ އިސްމާއިލް އަބްދުލްލަތީފު ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފަ އެވެ.
ތާރިގު ވިދާޅުވީ މަލީޝާ ޖަމާއަތުގެ ވެރިޔާ ރާއްޖެއިން ފިލާފައިވުމުން އޭނާ ހައްޔަރު ނުކުރެވޭ ހާލަތެއްގައި އެ މައްސަލަ އޮންނާނީ ނުބެލިފައި ކަމަށެވެ. އެހެންކަމުން މިހާތަނަށް އެ މައްސަލާގައި ކަންހިނގާފައިވާ ގޮތް ބަލައި މަކަރާއި ހީލަތުގައި ޖެހުނު މީހުންނަށް އެހީތެރިވެދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކޮމެޓީން ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ހުށަހެޅުއްވީ އިސްލާމިކް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައިދާއި ފުލުހުން ކޮމެޓީއަށް ހާޒިރުކޮށް ކަމާބެހޭގޮތުން ސުވާލު ކުރުމަށެވެ.
"މާޔޫސްކަމުގައި ތިބި މީހުން އެހެންތިއްބައި މިއަހަރުގެ ހައްޖު އަޅުކަން ވެސް ނިމިއްޖެ. އުމުރުން ދުވަސްވެފައިވާ އެތައް ބަޔަކު އެ ޖަމާއަތުގެ މަކަރުގައި ޖެހިފައި އެބަތިބި. އަދި އެ މައްސަލަ ބެލެން އޮތީ ފިލައިގެން އުޅޭ އެ ޖަމާއަތުގެ ވެރިޔާ ހައްޔަރު ކުރެވިގެން. އޭނާ ވީ ފިލާފައި. ދެން އޮންނާނީ އެ މައްސަލަ މަޑުޖެހިފައި. ދެން އަޅުގަނޑުމެން ބަލަން އެބަޖެހޭ ސަރުކާރުން އެ މީހުންނަށް އެހީތެރިވެދޭނެތޯ،" ތޯރިގު ވިދާޅުވި އެވެ.