އައްޑޫ ސިޓީ ފޭދޫގައި 11 އަހަރުގެ ކުއްޖަކު އިއްޔެ ވިހޭ ދަރިފުޅު ރޭ ފަތިހުގެ ވަގުތެއްގައި މަރުވެއްޖެ އެވެ.

ފޭދޫ ސިއްހީ މަރުކަޒުގައި ވިހޭ އެ ދެ މައިން ވަނީ އިތުރު ފަރުވާ އަށް އިއްޔެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

ހިތަދޫ ހޮސްޕިޓަލުން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުއްޖާ ވިހޭ ދަރުފުޅު މަރުވީ ރޭ ފަތިހު 5:00 އެހާކަންހާއިރު ކަމަށެވެ. މައިމީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވި އެވެ.

ފޭދޫ ސްކޫލްގައި ކިޔަވަމުން އަންނަ އެ ކުއްޖާ އިއްޔެގެ ހަވީރުގެ ވަގުތުގައި ވިހާފައި ވަނީ އަންހެން ކުއްޖެކެވެ. ފޭދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ރޭ ވިދާޅުވެފައި ވަނީ އެ ކުއްޖާ ބެލިވެ އިނީ ގަދަކަމުން ބަޔަކު އެ ކުއްޖާއާ "ބެހިގެން" ކަމަށް އެ ކުއްޖާ ބުނެފައިވާ ކަމަށެވެ. ކުއްލި ގޮތަކަށް އެ ކުއްޖާ ވިހެއި އިރު އޭނާ އިއްޔެ ހެނދުނު ވެސް ސްކޫލަށް ދިޔަ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ވަނީ ބުނެފަ އެވެ.