02 Nov 2012, 13:16
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ދޭ ކުން ފެށިގެން މި އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހާ ހަމައަށް އެއާޕޯޓުން ޖީއެސްޓީ ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ވަނީ މަދުންކަން ހާމަވެއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ޑައިރެކްޓާ ޖެނެރަލް އޮފް ރެވެނިއު އޮޕަރޭޝަންސް، މުހަންމަދު ޝާހިދު ސޮއިކުރައްވާ މި އަހަރުގެ ޖޫން މަހުގެ ފަހު ކޮޅު ޖީއެމްއާރަށް ފޮނުވާފައިވާ "ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް"ގެ ކޮޕީއެއް ވަނީ ސަން އޮންލައިނަށް ލިބިފަ އެވެ. އެއީ ސައްހަ ލިއުމެއްކަން މީރާ އިން ކަށަވަރުކޮށްދެ އެވެ.
އެ ނޯޓިސްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ 31އާ ހަމައަށް ޖީއެމްއާރުން ހުށަހަޅާފައިވާ ޖީއެސްޓީ ރިޓާން އަށް ބަލައި އެ ކުންފުނި އެސެސްކުރި އިރު ޖީއެމްއާރުން ޖީއެސްޓީ ދައްކާފައި ވަނީ މަދުން ކަމަށާއި އިތުރަށް 131،583ރ. ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ނޯޓިސް ފޮނުވި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށް ވެސް ވަނީ އެދިފަ އެވެ. އަދި އެ ފައިސާ ނުދައްކައިފި ނަމަ ޖޫރިމަނާ ވެސް ހިނގާނެ ކަން ވެސް ވަނީ އަންގައިފަ އެވެ.
އަދި އެ އެސެސްމަންޓަށް އިއުތިރާޒް ކުރާ ނަމަ ފައިސާ ދައްކަން ދިން 30 ދުވަހުގެ މުއްދަތުގައި އެކަން ސަބަބާ އެކު މީރާ އަށް އަންގަން ޖެހޭނެ ކަމަށް ވެސް ނޯޓިސްގައިވެ އެވެ.
އެ ނޯޓިސްއާ ގުޅޭ ގޮތުން މީރާގެ އޮފިޝަލަކު ވިދާޅުވީ ޓެކްސް ދައްކަނީ ރަނގަޅަށްތޯ ބަލަން މީރާ އިން ކުންފުނިތައް އެސެސް ކުރުމަކީ އަބަދު ވެސް ކުރާ ކަމެއް ކަމަށާއި އެ އުސޫލުން ޖީއެމްއާރު ވެސް އެސެސްކޮށްފައިވާނެ ކަމަށެވެ. އަދި މީރާ އިން ކުންފުނިތައް އެސެސްކުރަނީ ބޮޑެތި ކުންފުނިތަކާއި ފާހަގަ ކުރެވޭ ވަކި ކުންފުނިތައް ނަގައިގެން ކަމަށެވެ. އަދި ބައެއް ފަހަރު ދިމާވާ އެކި މައްސަލަތަކުގެ ސަބަބުން ވެސް ކުންފުނިތައް އޮޑިޓް ކުރާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޖީއެމްއާރު އެސެސް ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ވިދާޅެއްނުވެ އެވެ. އަދި ޖީއެމްއާރުން އެ ފައިސާ ދެއްކި ކަމެއް ވެސް ނުވަތަ ނޫން ކަމެއްވެސް އޭނާ ވިދާޅެއްނުވި އެވެ.
"އާންމު އުސޫލެއްގެ ގޮތުން އަޅުގަނޑުމެން ކުރާކަމެއް އެއީ ކުންފުނިތައް އެސެސްކުރުން. އެއީ ވަކި މައްސަލައެއް ޖެހިގެނެއް ނޫން ޖީއެމްއާރު ވެސް އެސެސްކުރީ،" އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައިގައި ޖީއެމްއާރުގެ ބަހެއް ހޯދުމަށް އެ ކުންފުނީގެ އެކި އޮފިޝަލުންނާ ގުޅި ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ.
އެއާޕޯޓުން ޖީއެސްޓީ ދައްކާފައި ވަނީ މަދުންކަން މީރާގެ ހޯދުންތަކުން ހާމަވި އިރު އެއާޕޯޓް ސާވިސްޗާޖް މަދުން ދައްކާފައިވާ މައްސަލަތަކެއް ވެސް މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ ފެންމަތިވެފަ އެވެ.
އިންޑިއާގެ މީޑިޔާތަކުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ބުނެފައި ވަނީ ޓެކްސް އަށް މަކަރު ހަދާ އޮޅުވާލި ކަމަށް ތުހުމަތު ކުރެވިގެން އިންޑިއާގެ ޓެކްސް އޮފީހުގެ ޓީމުތަކެއް އިންޑިއާގައި ހުންނަ ޖީއެމްއާރުގެ ހުރިހާ އޮފީސްތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އެ ރިޕޯޓްތަކުގައިވެ އެވެ.