02 Nov 2012, 13:13
ޙައިދަރުއާބާދު (ނޮވެމްބަރ 2) : އިންޑިޔާގެ މައިސަރުކާރުގެ ކުރީގެ މިނިސްޓަރެއް ކަމަށްވާ ޔެރާމް ނައިޑޫ ކާރުއެކްސިޑެންޓެއްގައި މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.
އުމުރުން 55 އަހަރުގެ ނައިޑޫ އަވަހާރަވީ އޭނާ ދަތުރުކުރައްވަމުން ގެންދެވި ކާރު ތެޔޮ ޓޭންކަރެއްގައި ޖެހި އެކްސިޑެންޓް ވުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ގެންދަނިކޮށް ޙައިދަރު އާބާދުގެ ހޮސްޕިޓަލެއްގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔެރާމް ނައިޑޫ އަވަހާރަވީ ޙައިދަރު އާބާދުގެ ސްރީކަކުލަމް ސަރަޙައްދުގައި ބޭއްވި ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު ވިސައްކަޕަތުނާމް އަށް އެނބުރި ވަޑައިގެންނެވުމުގެ މަގުމަތީގައި ހިނގި އެކްސިޑެންޓެއްގަ އެވެ. މިއީ އަންދްރާ ޕްރަދޭޝްގެ ދެކުނުގެ ހިސާބެކެވެ.
މިއެކްސިޑެންޓް ހިނގިއިރު ނައިޑޫއާއެކު އޭނާގެ ކާރުގައި ތިއްބެވި ހަތަރު މީހުންގެ ތެރެއިން ދެމީހަކު ވަރަށް ބޮޑަށް ޒަޚަމްވި ނަމަވެސް އަނެއް ދެމީހުންނަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނައިޑޫ އަކީ އަންދްރާ ޕްރަދޭޝްގެ ލޯކަލް ސިޔާސީ ޕާޓީއެއްކަމަށްވާ ޓެލުގޫ ޑެސާމް ޕާޓީގެ އިސްބޭފުޅެކެވެ. އޭނާ ހަތަރު ފަހަރެއްގެ މަތިން އިންޑިޔާގެ ޕާލަމެންޓްގެ މެންބަރަކަށް އިންތިޚާބުވެ ވަޑައިގެންފައިވެއެވެ. އަދި އިންޑިޔާގެ މައިސަރުކާރުގެ ރޫރަލް ޑިވެލޮޕްމެންޓް މިނިސްޓަރުކަންވެސް އޭނާ ކުރައްވާފައިވެއެވެ. އަވަހާރަވި އިރު ނައިޑޫގެ އަންބަކާއި ދެ ބޭފުޅުން ތިއްބަަވަ އެވެ.
އިންޑިޔާއަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް މަގުމަތީގެ އެކްސިޑެންޓައް އެންމެ ގިނަ އަދި އެކްސިޑެންޓްތަކުގައި އެންމެ ގިނައިން މީހުން މަރުވާ ޤައުމެވެ. މިގޮތުން އިންޑިޔާގައި 2011 ވަނަ އަހަރުވެސް 124,485 މީހުން މަގުމަތީ އެކްސިޑެންޓްތަކުގައި މަރުވެ511,394 މީހުން ޒަޚަމްވެފައިވާ ކަމަށް އެޤައުމުން ހާމަކޮށްފައިވެ އެވެ.
އިންޑިޔާއަކީ އިޤްތިސާދީ ގޮތުން ކިތަންމެ ބާރަށް ކުރިޔަށްދާ ޤައުމެއް ނަމަވެސް ޢުމްރާނީ ތަރައްޤީގެ އޮނިގަނޑު ބަލިކަށި އަދި ޚާއްސަކޮށް މަގުތަކާއި އެއްގަމު ދަތުރުފަތުރުގެ ޚިދުމަތުގެ ފެންވަރު ދަށް ޤައުމެކެވެ. މީގެއިތުރުން އިންޑިޔާއަކީ ދަތުރުފަތުރުގެ ޚިދްމަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައިވެސް ވަރަށް ފަރުވާކުޑަ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވޭ ޤައުމެކެވެ. (ބީ.ބީ.ސީ)