ވޮޝިންޓަން (ނޮވެމްބަރ 2) : އެމެރިކާ އަށް އެރި ސޭންޑީ ތޫފާންގައި މަރުވި މީހުންގެ ޢަދަދު 96 އަށް އަރައިފި އެވެ.

އެމެރިކާގެ މަސްއޫލުވެރިންނާ ޙަވާލާދީ އެޤައުމުގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން މިތޫފާންގައި އެތަށްބަޔަކު ގެއްލިފައިވާތީ މަރުވިމީހުންގެ ޢަދަދު 100 އަށްވުރެވެސް މައްޗަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ. ސޭންޑީ ތޫފާން ނިމުމަކަށް ދިޔައިރު އެމެރިކާގެ އަށް ސްޓޭޓަކަށްވަނީ އާދަޔާ ޚިލާފު ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ޚާއްސަކޮށް ނިޔުޖާސީ އަށާއި ނިޔުޔޯކުގެ އިންފްރާސްޓްރަކްޗާ އަށާއި ޢާންމުންގެ ގެދޮރަށްވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ މިދެސްޓޭޓަށް ވަޑައިގެން ގެއްލުންތައް ބައްލަވާލައްވައި ޙާލުގައި ޖެހިފައިވާ ބައެއްމީހުންނާ ބައްދަލުކުރައްވާފަ އެވެ. ނަމަވެސް އޮބާމާ އާއި އޭނާގެ ވާދަވެރިޔާ މިޓް ރޮމްނީ އިއްޔެވަނީ އެދެބޭފުޅުންގެ ރިޔާސީ ކެންޕޭން އަލުން ފައްޓަވާފަ އެވެ.

ނިޔުޔޯކަށާއި ނިއުޖާސީ އަށް ލިބުނު ގެއްލުންތަކުގެ ބޮޑުކަމުން އޮބާމާ ވަނީ އެ ދެ ސްޓޭޓަކީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ދެ ސްޓޭޓް ކަމަށް އިއުލާން ކުރައްވައި ފެޑްރަލް ސަރުކާރުގެ އެހީ އެ ދެސްޓޭޓަށް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާފަ އެވެ. ސޭންޑީ ތޫފާންގައި މުޅި އެމެރިކާއަށް ލިބުނު ގެއްލުންތަކެއް އަދި ރަނގަޅަށް ވަޒަންކުރެވިފައިނުވާ ކަމަށާއި ނަމަވެސް އެމެރިކާގެ އަށް ސްޓޭޓަކަށް މިތޫފާންގައި 70 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާނެ ކަމަށް އިންޝުއަރެންސް އެޖެންސީތަކުން ވަނީ ލަފާކޮށްފަ އެވެ. މިއެޖެންސީތަކުން ކުރިން ލަފާކޮށްފައިވަނީ 30 ބިލިޔަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށެވެ.

ސޭންޑީގައި އެމެރިކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމުގެ ޢަމަލީ މަސައްކަތް ރައްޔިތުުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކުން ކުރިޔަށް ގެންދާއިރު އެެމެރިކާގެ މައި ސަރުކާރުން ނާއި ސްޓޭޓްތަކުގެ ސަރުކާރުތަކުން ގެންދަނީ ޙާލުގައި ޖެހިފައިވާ ޢާއިލާތަކަށް މާލީ އެހީއާއި އިންސާނީ އެހީތައް ފޯރުކޮށްދެމުންނެވެ. ނަމަވެސް ގެއްލުން ލިބުނު އަށް ސްޓޭޓްގައި ފަސް މިލިޔަނަށްވުރެ ގިނަ މީހުން އަދިވެސް ތިބީ ކަރަންޓުން މަޙްރޫމްވެފަ އެވެ. އަދި ގެދޮރު ހަލާކުވި މީހުން ދިރިއުޅެންޖެހިފައިވަނީ ރެފިއުޖީންގެ ގޮތުގައި އެހެން ޢިމާރާތްތަކުގަ އެވެ.

މީގެއިތުރުން ފެންބޮޑުވެފައިވާ ސްޓޭޓްތަކުގައި ވަނީ ބަލިމަޑުކަން ފެތުރިދާނެކަމުގެ ބިރު ހީވެފަ އެވެ. މިސްޓޭޓްތަކުގައި ބޮޑުވެފައިވާ ފެންގަނޑު، ނަރުދަމާގެ ނަޖިސްފެނާ އެއްވެފައިވާތީ އެމެރިކާގެ ސިއްޙީ އިދާރާތަކުން ގެންދަނީ އެ ސަރަހައްދުތައް ކްލޮރިންކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އަދި ބޮޑުވެފައިވާ ފެންގަނޑު ނުހިނދޭތީ މި ސްޓޭޓްތަކުގައި އާންމު ދިރިއުޅުން އަދިވެސްވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ދަތުރުފަތުރުގެ ބައެއް ޚިދްމަތްތައް ފެށުނު ނަމަވެސް ފެނުގެ ސަބަބުންވަނީ ޚިދުމަތްތަކަށް ހުރަސް އެޅިފަ އެވެ.

މިއީ އެއް ތޫފާނެއްގައި އެމެރިކާގެ ގިނަ ސްޓޭޓްތަކަކަށް މިހާ ބޮޑު ގެއްލުމެއް ލިބުނު ފުރަތަމަ ފަހަރު ކަމަށް ޚަބަރުލިބެ އެވެ. (ނޫސްއެޖެންސީތައް)