02 Nov 2012, 11:41
ޔުނިވަސިޓީގެ މަރުކަޒީ އިދާރާ އާއި ފެކަލްޓީ އޮފް އާޓްސް އާއި ޝަރީއާ އެންޑް ލޯ އަދި ސެންޓަ ފޯ އޯޕަން ލާނިން ހިންގަމުން އަންނަ ބާ ޖަމާލުއްދީންގެ 900 އަކަފޫޓް ޖަމާލުއްދީން ސުކޫލަށް ދިން މައްސަލަގަނޑު ބޮޑުވުމުން، ކަން ހިނގައިފައިވާ ގޮތް ބެލުމަށް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ފައްޔާޒް އަލިމަނިކު މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.
ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ފައްޔާޒް ހާޒިރު ކުރަނީ އެ މައްސަލަ ޔުނިވާސީޓީގެ ފަރާތުން ކޮމެޓިއަށް ހުށަހަޅުއްވާފައި ވަނީ އޭނާ ކަމަށްވާތީ އެވެ. އެ ކޮމެޓީން ނިންމާފައިވަނީ ބާ ޖަމާލުއްދީންގެ ބިމުން ބައެއް ޖަމާލުއްދީން ސުކޫލަށް ރަޖިސްޓްރީކޮށްދީފައިވާ މައްސަލާގެ ހުރިހާ ލިޔެކިޔުންތަކެއް ކޮމެޓީއަށް ހޯދުމަށެވެ. އެ ލިޔެކިޔުންތައް މަޖިލީހަށް ފޮނުއްވައިދިނުމަށް އެ ކޮމެޓީން ވަނީ މަޖިލީހަށް އަންގާފަ އެވެ.
ޔުނިވާސީޓީ ހިންގަމުންދާ ބާޖަމާލުއްދީން ބިމުން ބައެއް މިދިޔަ އަހަރު ޖަމާލުއްދީން ސުކޫލަށް ވަނީ ދީފަ އެވެ. އަދި އެ ސްކޫލަށް ދީފައިވާ ބިން ހުސް ކުރުމަށް ޔުނިވާސީޓީއަށް އެންގި އެންގުމަށް އަމަލު ނުކުރުމުން ޖަމާލުއްދީން ސްކޫލުން އެ ތަން ވަކިކުރަން އިންފާރު ރާނަން ފެށުމުން މައްސަލަގަނޑު ވަނީ ހޫނުވެފަ އެވެ.
އެ މައްސަލާގައި ޔުނިވާސިޓީގެ ދަރިވަރުން ވަނީ މުޒާހަރާވެސްކޮށްފަ އެވެ. ދަރިވަރުން އަޑު އުފުލާފައި ވަނީ ޔުނިވާސީޓީ ހިންގަމުންދާ ބާޖަމާލުއްދީނުގައި ބިމުން ބައެއް ވަކިކޮށް އެހެންބަޔަކަށް ދީފިނަމަ އެތަނުގައި ކިޔަވަމުންދާ 5000 ދަރިވަރުންނަށް އެކަމުގެ އުނދަގޫ ތަހައްމަލު ކުރަންޖެހޭނެ ކަމަށްބުނެ އެވެ.
ބާޖަމާލުއްދީގެ މައްސަލަ ސާފު ކުރުމަށް ޔުނިވާސީޓީގެ ވައިސް ޗާންސެލަރު ކޮމެޓިއަށް ހާޒިރު ކުރާނެ ވަކި ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ކޮމެޓީތަކުގެ އެވޭލެބިލިޓީއަށް ބަލާފައި ވީއެންމެ އަވަހަކަށް އެ ބޭފުޅާ ހާޒިރުކޮށްގެން އެ މައްސަލަ ބަލާނެ ކަމަށެވެ.\"