02 Nov 2012, 10:55
މެންޗެސްޓާ ސިޓީގެ ތަޖުރިބާކާރު ޑިފެންޑަރު ޕަބްލޯ ޒަބަލެޓާއަށް ކުރިމަތިވި އަނިޔާއިން ސަލާމަތްވެ، ފިޓްވެފައިވާކަން އޭނާ ކަށަވަރުކޮށްދީފި އެވެ.
މާދަމާރޭ ރަށުން ބޭރުގައި ވެސްޓް ހާމްއާ ދެކޮޅަށް ކުޅޭ ޕްރެމިއާ ލީގު މެޗުގައި ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު ހިތާމައަކީ އެޓީމްގެ ޑިފެންޑަރުންނަށް ލިބިފައިވާ އަނިޔާގެ މައްސަލަތަކެވެ. ވެސްޓް ހާމްއާ ދެކޮޅަށް ނުކުންނައިރު، އެޓީމްގެ ޑިފެންޑަރު މިކާ ރިޗާޑްސް އާއި މައިކޮން އަދި އެލެކްސެންޑާ ކޮލަރޯވް ހުރީ އަނިޔާގަ އެވެ. ޒަބަލެޓާ ފިޓްވުމަކީ ސިޓީއަށް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމެކެވެ.
"އަހަރެން މިހާރު ރަނގަޅު. އަހަރެން މިދަނީ ޓީމާއެކު ފަރިތަކުރަމުން. އަހަރެންނަށް މާދަމާރޭގެ މެޗުގައި ކުޅެވިދާނެ. އަހަރެމެންގެ ޑިފެންޑަރުންނަށް ދިމާވެފައިވާ އަނިޔާގެ މައްސަލައާއި މެދު ހިތާމަކުރަން. ނިމިގެންދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އަހަރެމެންގެ ތިން ޑިފެންޑަރަކަށް މިވަނީ އަނިޔާވެފައި. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި ޓީމާއި ގެޅެވޭތީ އުފާކުރަން،" ޒަބަލެޓާ ބުންޏެވެ.
ވެސްޓް ހާމް އާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ ރާއްޖޭ ގަޑިން 22:30 ގައެވެ. މިމެޗަށް ސިޓީ ނުކުންނައިރު، އެޓީމު އޮތީ ލީގުގެ ތިންވަނާގަ އެވެ. ލީގުގެ ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ޕޮއިންޓްގެ ގޮތުން ސިޓީ އެއްވަރުވީ ނަމަވެސް ޔުނައިޓެޑް ކުރީގައި އޮތީ ގޯލްގެ ތަފާތުންނެވެ. ޔުނައިޓެޑާއި ސިޓީއާ އެއްވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.