އިނގިރޭސި ކްލަބު ފްލަމްގެ ބަލްގޭރިއާ ފޯވާޑް ޑިމިޓާ ބާބަޓޯވްގެ އުމުރުން 40 އަހަރު ވަންދެން ފުޓްބޯޅަ ކުޅެން ބޭނުންވާކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ބާބަޓޯވް ޕްރެމިއާ ލީގުގައި ކުޅުނު ފަސް މެޗުން ތިން ލަނޑު ކާމިޔާބުކޮށް، މޮޅު ކުޅުމެއް ދައްކާފައިވެ އެވެ. ޕްރިމިއާ ލީގުގައި ރީޑިންގްއާ ދެކޮޅަށް ކުޅެ، 3-3 ލަނޑުން އެއްވަރުވި މެޗުގައި ވެސް ބާބަޓޯވް ލަނޑެއް ކާމިޔާބުކޮށްފައި ވެއެވެ.

"އަހަރެންނަކީ ކީޕަރެއް ނޫން. އަދި ރަޔަން ގިގްސް ނުވަތަ ޕައޮލޯ މަލްޑިނީ އެއްވެސް ނޫން. ނަމަވެސް އަހަރެންގެ އުމުރުން 40 އަހަރު ވަންދެން ފުޓްބޯޅަ ކުޅެން ބޭނުން. އިނގިރޭސިވިލާތަކީ އަހަރެން ލޯބިކުރާ ތަނެއް. ކުރިއަށް އޮތްތާ ފުލަމް ނޫން އެހެން ކްލަބަކުން ފެންނާނެކަމެއް އަދި ނޭނގޭ،" ބާބަޓޯވް ބުންޏެވެ.

ފުލަމްއަކީ ބާބަޓޯވް ކުޅުނު ޕްރެމިއާ ލީގުގެ ތިންވަނަ ކްލަބެވެ. މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމް ހޮޓްސްޕާއަށް ވެސް ބާބަޓޯވް ކުޅެފައިވެ އެވެ.