02 Nov 2012, 10:50
ޔޫރަޕަށް ދާން އަދި އަވަސްކަމަށާއި ބްރެޒިލްގެ ސަންތޯސްގައި ހުރީ އުފަލުގައި ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.
ބްރެޒިލްގެ ޒުވާން ތަރި ނޭމާ ގެންދިއުމަށް ޔޫރަޕްގެ ގިނަ ކްލަބުތަކަކުން މަސައްކަތް ކުރަމުން ދެ އެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އިތުރުން އިނގިރޭސި ކްލަބު ޗެލްސީއިން ވެސް ނޭމާ ގެންދިއުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން ދެއެވެ. ނަމަވެސް ނޭމާގެ ހިތުގައި ބްރެޒިލް ދޫކޮށްލުމުގެ އެއްވެސް ހިޔާލެއް ނެތް ކަމުގައި އޭނާ ބުނެ އެވެ.
"ބްރެޒިލްގައި އަހަރެން މިހިރީ އުފަލުގައި. ސަންތޯސްގައި މިހިރީ އުފަލުގައި. ޔޫރަޕްގެ ކްލަބަކަށް ކުޅުމަކީ އަހަރެންގެ ހުވަފެނެއް. ނަމަވެސް މިއީ ޔޫރަޕަށް ދާން ރަނގަޅު ދަނޑިވަޅެއް ނޫން. ވަގުތު އައިސް ޖެހުމުން އަހަރެން އެކަން ކުރާނަން. އެކަން ކުރަން އަދި މާ އަވަސް،" ނޭމާ ބުންޏެވެ.
އުމުރުން ވިހި އަހަރުގެ ނޭމާ އަދިވެސް ހުރީ މިއަހަރު ބޭއްވި އޮލިމްޕިކްސް މުބާރާތުގެ ފުޓްބޯޅަ އިވެންޓާއި 2011 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުން ބަލިވުމުން އެކަމާމެދި މާޔޫސް ވެފަ އެވެ. "ކޮޕާ އެމެރިކާގެ ސަބަބުން އަހަރެމެން މާޔޫސްވި. އަދި އޮލިމްޕިކްސް ގޭމްސްގެ ސަބަބުން ވެސް ގިނަބަޔަކު އަދިވެސް ތިބީ މާޔޫސްކަމެއްގެ ތެރޭގައި،" ނޭމާ ބުންޏެވެ.
އެންމެ ފަހުން ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ބްރެޒިލް ހޯދީ ފައިނަލުގައި ޖަރުމަން ބަލިކުރުމަށް ފަހު އެވެ.