ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. މުހައްމަދު ޝަރީފު އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އިއްޔެ އައްޔަންކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ ސިވިލް އިންޖިނިއަރިންއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ޝަރީފު ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކަރެޓަރީގެ މާގަށް އައްޔަން ކުރެއްވީ އިއްޔެ ކަމަށެވެ.

ސީއެސްސީއިން ބުނީ 1989 ވަނަ އަހަރު ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވި ޑރ. ޝަރީފަކީ އިސްނެންގެވުމާއި މަސައްކަތަށް ފަރުވާބަހައްޓަވައި އަދި ވަޒީފާގެ ކުރިއެރުންތައް އަވަސް ގޮތެއްގައި ހޯއްދަވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ ގިނަ ދާއިރާތަކުގެ މަސައްކަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.

ޑރ. ޝަރީފް ހައުސިން މިނިސްޓްރީގައި ސިޔާސީ މަގާމުތައް ފުރުއްވާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އޭރު އެ މިނިސްޓްރީއަށް ޕާމަނަންޓް ސެކަރެޓަރީގެ ގޮތުގައި ސީއެސްސީން ހަމަޖައްސާފައި ވަނީ ރާއްޖެ ޓީވީ ވުޖޫދަށް ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވާ އަދި ދިއެފްއެމްގެ ޑިރެކްޓަރުންގެ ބޯޑްގައި ހިމެނޭ އަހުމަދު ސަލީމެވެ.

ސީއެސްސީން ބުނީ ޑރ. ޝަރީފް ސިޔާސީ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނަކީ ޕްލޭނިންގް މިނިސްޓްރީގައި ސަރަހައްދީ އަދި ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި މަސައްކަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ދާއިރާތަކުގެ ތެރޭގައި ސިވިސް އިންޖިނިއަރިން އާއި ކޯސްޓަލް އިންޖިނިއަރިންގާއި ސްޕޭޝަލް ޕްލޭނިންގް އާއި ޑިވެލޮޕްމަންޓް ޕްލޭނިން އަދި ބައިނަލް އަގުވާމީ މުއާމަލާތް ހިމެނޭ ކަމަށް ސީއެސްސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ ޑރ. ޝަރީފްއަކީ މުހިންމު ގިނަ މުއައްސަސާތަކެއްގެ ކޮމެޓީތަކެއްގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ، ކިޔޯޓޯ ޕްރޮޓޮކޯލްގެ ދަށުން އެޑެޕްޓޭޝަން ފަންޑް ބޯޑް އަދި މެންބަރު އޮފް ޕޮރޮޖެކްޓްސް އެންޑް ޕްރޮގްރާމް ކޮމެޓީ އޮފް އޭއެފްބީ ހިމެނޭ ކަމަށެވެ. އަދި އޭނާ ވަނީ ޖީއީއެފާއި ޔޫއެންއެފްސީސީސީ އާއި ސީވީޑީ އާއި ޔޫއެންސީސީޑީ އާއި އައުއެފްސީއެސްގެ އިތުރުން ކަންޓްރީޒް އެކްސްޕާޓް އޮފް ދަ އެންފޯސްމެންޓް ބްރާންޗް އޮފް ދަ ކިޔޯޓޯ ކޮމްޕްލަޔަންސް ކޮމެޓީ އަދި ލީސްޓް ޑިވެލޮޓްރީޒް އެކްސްޕާޓް ގްރޫޕް (އެލްއީޖީ)ގެ ރާއްޖޭގެ ފޯކަލް ޕޮއިންޓަކަށް ވެސް ކުރިން ކުރައްވާފަ އެވެ.

ޑރ. ޝަރީފް ފުރަތަމަ ޑިގްރީއަށް ކިޔަވާ ވިދާޅުވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބްރައިޓަންއިންނެވެ. އަދި 1995ގައި ބެޗްލާ އޮފް އިންޖިނިއަރިން (ހޮނާޒް) އިން ސިވިލް އިންޖިނިއަރިންގް ހާސިލްކުރެއްވުމަށްފަހު ސަރުކާރުގައި ކުޑަ ދުވަސްކޮޅެއްގައި މަސައްކަތް ކުރެއްވި އެވެ. އޭގެ ފަހުން ލިވަޕޫލް ޔުނިވާސިޓީއިން 2000 ވަނަ އަހަރު މެރިޓައިމް ސިވިލް އިންޖިނިއަރިންގް ހާސިލް ކުރައްވާ އެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރެއްވީ 2005 ވަނަ އަހަރު އެވެ.