އަތޮޅު ކައުންސިލް މެދުވެރިކޮށް ހޯދާ ފަޅުރައްތަކަކީ ވަގުތީ ގޮތުން ދޫކުރެވޭ ރައްތަކެއް ކަމަށާއި އެރައްތަކުގައި އެއްވެސް އިންވެސްޓެއް ނުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ގައުމީ އިދާރާތައް އުވާލުމާ އެކު ފަޅުރައްރަށާއި ބެހޭ ގާނޫނު ގެ ދަށުން ފަޅުރައްތައް ވަގުތީ ގޮތުން ބަލަހައްޓަނީ އަތޮޅު ކައުންސިލްތަކުން ކަމަށާއި އެފަދަ ރަށްތައް ބެލެހެއްޓުމަށް އެކި ފަރާތްތަކާ ވަރުވާގެ އުސޫލުން ހަވާލުކުރެވިދާނެ ކަމަށެވެ.

"އެއީ ވަގުތީ ކަމެއްވީމައި މިނިސްޓްރީން ނުވަތަ ދައުލަތުން ބޭނުންވެއްޖިއްޔާ އެ ރަށެއް ނެގޭނެ. އެއީ ވަގުތީ ގޮތުން އެ ރަށްތައް ބަލަހައްޓަން ކައުންސިލްތަކަށް މީހުންނަށް ރަށްރަށް ދޫކުރެވޭނީ،" އަލީ ސޯލިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ދޫކުރާ ރަށްރަށުގައި އިންވެސްޓް ނުކުރެވޭނެ ކަމަށާއި އަދި އެ ރަށް ދައުލަތުގެ ބޭނުމަކަށް ނަގަން ޖެހިއްޖެ ހިނދެއްގައި އެ އިންވެސްޓަމަންޓަކަށް މިނިސްޓްރީއަށް ޒިންމާވެވެން ނޯންނާނެ ކަމަށެވެ.

"ކައުންސިލުން ފަޅުރައްތައް ދޫކުރެވޭނީ ވަގުތީ ގޮތުން ބަލަހައްޓަން. ނަމަވެސް އެ ރައްރަށުގައި އެއްވެސް އިންވެސްޓެއް ނުކުރެވޭނެ. އެގޮތަށްކުރާ އިންވެސްޓަކުން ލިބޭ ގެއްލުމަކަށް މިނިސްޓްރީން ޒިންމާއެއް ނުވާނެ. އެގޮތަށް ދޫކޮށްފައި އޮންނަ ރަށެއް މިނިސްޓްރީން ބޭނުން ވެއްޖެ ކޮންމެ ވަގުތަކު އަތުލެވޭނެ،" ސޯލިހު ވިދާޅުވި އެވެ.

ފަޅު ރަށްރަށް ބަލެހެއްޓުން ވަގުތީ ގޮތުން ކައުންސިލްތަކާއި ހަވާލުކޮށްފައިވީ ނަމަވެސް އެ ރަށްތައް އެހެން ފަރާތަކަށް ބަލަހައްޓަން ދޫކުރެވޭނީ މިނިސްޓްރީގެ ހުއްދައާއެކު ކަމަށްވެސް އަލީ ސޯލިހު ވިދާޅުވި އެވެ. އަދި އެ ރަށްރަށް ދޭން ވާނީ އާންމުންކޮށް އިއުލާންކޮށް ވާދަވެރި ބީލަމެއްގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ގިނަ ކައުންސިލްތަކުން ފަޅުރައްތަކާ ބެހޭ ގޮތުން އަމަލު ކުރަނީ ގަވާއިދުގެ ތެރެއިން ކަމަށާއި ނަމަވެސް ގަވާއިދުގެ ބޭރުން މަދު ކައުންސިލް ތަކަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ގިނަ ކައުންސިތަކުން އަމަލުކުރާ ގޮތް ރަނގަޅު. ނަމަވެސް މަދު ކައުންސިލް ތަކަކުން ގަވާއިދާ ޚިލާފުވޭ. އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ އެއް ކައުންސިލަކުން އެއްފަހަރާ 61 ރަށް އިއުލާނު ކޮށްލިތަން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެއް ފަހަރާ އެރައްތައް އިވެލުއޭޓް ކުރުމުގެ ގާބިލުކަންވެސް ކައުންސިލްގައެއް ނުހުންނާނެ،" ސޯލިހު ވިދާޅުވި އެވެ.

އެކަމާއި ބެހޭގޮތުން ފިޝަރީޒް މިނިސްޓްރީން މީގެ ކުރިންވެސް ބުނެފައިވަނީ ފަޅުރައްރަށާ ބެހޭ ގާނޫނުގެ ދަށުން ފަޅުރައްރަށް އެކި ފަރާތް ތަކަށް ލިޔެދިނުމާއި ވަކިކުރުމަކީ އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމަކީ އެ މިނިސްޓްރީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ނޫނީ އެއްވެސް ފަޅުރަށެއް އެއްވެސް ފަރާތަކަށް ހަވާލު ނުކުރެވޭނެ ކަމަށެވެ.