01 Nov 2012, 23:27
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން އިންޑިއާގެ އިންވެސްޓަރުން ހިމާޔަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ ވިދާޅުވެއްޖެ އެވެ.
"އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕްޑޭ" ގެ ނަމުގައި ފާހަކުރަމުން އަންނަ ރާއްޖެއާ އިންޑިއާޔާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރުމުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އިސްކަންދަރު ސްކޫލްގައި މިރޭ ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން މުލޭ ވިދާޅުވީ އިންޑިއާގެ ވިޔަފާރިވެރިން ރާއްޖޭގައި ބޮޑެތި އިންވެސްޓްތައް ކޮށްފައިވާ ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން އިންޑިއާގެ އިންވެސްޓަރުން ހިމާޔަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"އިންޑިއާގެ އިންވެސްޓަރުން ވަނީ ރާއްޖޭގައި ބޮޑެތި އިންވެސްޓްތައް ކޮށްފައި، ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން އަޅުގަނޑުމެންގެ އިންވެސްޓަރުން ހިމާޔަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް،" މުލޭ ވިދާޅުވި އެވެ.
އިންޑިއާޔާ ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމާއި އިންޑިއާއިން ރާއްޖެއަށް ވެދެމުން އަންނަ އެހީތެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މުލޭ ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ރަމްޒެއް ކަމަށެވެ. ދެގައުމުގެ ގުޅުމުގެ ތާރީހާއި އިންޑިއާއިން އެހީތެރިވެދީފައިވާ މިންވަރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މުލޭ ވިދާޅުވީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރުމަށް ބޮޑުތަކުރުފާނު ކުރެއްވި ހަނގުރާމައަށް އިންޑިއާގެ އަދީރާޖާގެ، (އަލީ ރާޖާ)ގެ އެހީތެރިކަން ލިބުނުކަން ތާރީހުން އެނގޭ ކަމަށެވެ.
އެ ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ އިންޑިއާގެ ވިޔަފާރިވެރިން ވިޔަފާރީގެ އެކި ދާއިރާތަކުގައި ރާއްޖޭގައި ވަރަށް މިނިވަން ކަމާ އެކު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އިންޑިއާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ރައްކާތެރިކަން އޮތް ކަމަށެވެ. ނަމަވެސް ކުދި ގައުމުތަކަށް ވެސް އެގައުމު ތަކުގެ މިނިވަން ކަމާއި ސިޔާދަތަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ރާއްޖެއަކީ ވެސް ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ މެދު ފަހުރުވެރިވާ ގައުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އިންޑިއާގެ ވިޔަފާރިވެރިން ރާއްޖޭގެ ވިޔަފާރީގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަނީ މިނިވަންކަމާ އެކު، އެގޮތުން އެކްސްޕޯޓް އިމްޕޯޓާއި ބޭންކިން އާއި ޓޫރިޒަމާއި ތައުލީމާއި ސިއްހީ ހިދުމަތް ދިނުމުގެ ދާއިރާގައި އަންނަނީ ހަރަކާތްތެރި ވަމުން، އެފަރާތްތަކަށް ރާއްޖެއިން މައްސަލަތަކެއް ކުރިމައްޗެއް ނުވޭ، އެހެން ނަމަވެސް މިނިވަން ކަމާއި ސިޔާދަތަކީ ކުދި ގައުމުތަކަށް ވެސް ވަރަށް މުހިއްމު ކަމެއް، އެގޮތުން ރާއްޖެއަކީ ވެސް އެކަމަށް ފަހުރުވެރިވާ ގައުމެއް،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގައި ވިޔަފާރީގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ އިންޑިއާގެ ބައެއް ކުންފުނިތަކުގެ ނަންތައް ރައީސް ވަހީދު ވަކިވަކިން ފާހަގަ ކުރެއްވި އެވެ. އެގޮތުން ކެންގަރޫ ކިޑްސް ސްކޫލާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ތާޖް ގްރޫޕާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އިންޑިއާއާ ރާއްޖެއާ ދެމެދު ގުޅުން ބަދަހިވެފައިވާ މިންވަރާ މެދު ވާހަކަ ދައްކަވަމުން ރައީސް ވަހީދު ފާހަގަކުރެއްވި ގޮތުގައި އިންޑިއާގައި ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހޯދުމަށާއި އެނޫން ވެސް ބޭނުންތަކަށް ދިރިއުޅެމުން އަންނަ ކަމަށާއި ހަމަ އެފަދައިން އިންޑިއާގެ 30000 މީހުން ރާއްޖޭގައި މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އިންޑިއާ ހައިކޮމިޝަނަރު މުލޭގެ ވާހަކަފުޅުގައި އިންޑިއާގެ ޓްރިވެންޑްރަމްގައި 5000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާކަން ފާހަގަ ކުރި ނަމަވެސް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ މީހުންގެ އަދަދުގެ ވާހަކަ ނުދައްކަވަ އެވެ. ނަމަވެސް ވިދާޅުވީ މުސާރަ ނުލިބުން ފަދަ މައްސަލަތައް ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް ކުރިމަތިވަމުންދާ ކަމަށެވެ.
އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕްޑޭ ފާހަގަކުރުމަށް މިރޭ ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އިންޑިއާ ހައިކޮމިޝަނަރު މުލޭ އާއި ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.
އެ ހަފްލާގައި ރާއްޖޭގެ ބައެއް މަދަނީ ޖަމިއްޔާ ތަކަށް އިންޑިއާއިން ދޭ އެހީ ހަވާލުކޮށްދިނުން އޮތެވެ. އެގޮތުން ހިމޮތީލިއާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ކެއާ ސޮސައިޓީ އާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް އިންޑިއާއިން ދޭ ފައިސާގެ އެހީ އާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ހަފުލާގައި އިންޑިއާ އާއި ރާއްޖޭގެ ފަންނާނުންގެ މިއުޒިކާއި ނެށުމުގެ ހަރަކާތްތަކާއި ހާއްސަ ފަރިއްކޮޅެއް ވެސް އޮތެވެ.
އިންޑިއާއާ ރާއްޖެއާ ދެމެދު ރަސްމީގޮތުން ސިޔާސީ ގުޅުން ގާއިމްކުރީ 1966 ވަނަ އަހަރު އެވެ. އޭގެ ފަހުން 1976 ވަނަ އަހަރު ދެގައުމުގެ ދެމެދުގައި އަސްކަރީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް އަދި 1981 ވަނަ އަހަރު ވިޔަފާރީގެ އެއްބަސްވުމެއްގައި ވެސް ސޮއިކުރި އެވެ. ދެގައުމުގެ ދެމެދު ސިޔާސީ ގުޅުން ރަސްމީކޮށް ގާއިމްކުރުމަށް ފަހުވެސް އަދި އޭގެ ކުރިންވެސް ރާއްޖެ އާއި އިންޑިއާޔާ ދެމެދު އޮންނަނީ ގާތްގުޅުމެކެވެ.