01 Nov 2012, 22:43
މާލެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު މިރޭ ޒަހަމްވެއްޖެ އެވެ.
ފުލުހުން ބުނީ މިރޭ 10:15 އެހާކަންހާއިރު އެ އެކްސިޑެންޓް ހިނގާފައިވަނީ ކ. ފުނަދޫ ކައިރިން ދުއްވާފައި ދިޔަ އަދާރަން ރިސޯޓްގެ ލޯންޗަކާއި އެމްޓީސީސީގެ ލޯންޗެއް ޖެހިގެން ކަމަށެވެ. އެ ހާދިސާގައި ޒަހަމްވީ އެމްޓީސީސީގެ ލޯންޗްގައި އިން ޓޫރިސްޓަކާއި އަދި އަނދާރަން ރިސޯޓްގެ ލޯންޗްގައި އިން ދިވެއްސެއް ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ ބޯފަޅައިގެން ގޮސް އަދި އަނެކަކުގެ ދަތްތަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންނަށް އޭޑީކޭގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.
އެކްސިޑެންޓް ހިނގިއިރު އެމްޓީސީސީގެ ލޯންޗް ދަތުރުކުރަމުން ދިޔައީ ހުޅުމާލެއަށް ކަމަށާއި އަދި އަދާރަން ރިސޯޓްގެ ލޯންޗް ދަތުރުކުރީ ހުޅުލެއަށް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.