01 Nov 2012, 17:27
ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކ. ކާށިދޫގެ ދަނޑުބިންތަކުގައި ފެންބޮޑުވެ ދަނޑުތަކަށް ގެއްލުން ވަމުންދާ ކަމަށް އެ ރަށުން ބުނެފި އެވެ.
ރެއިން ފެށިގެން ކ. އަތޮޅު ސަރަހައްދަށް ބޯކޮން ވާރޭ ވެހެމުންދާ އިރު ކާށިދޫގެ ދަނޑުބިންތަކުގައި ފެންބޮޑުވެ ދަނޑުތަކަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.
ކަށީދޫ ކައުންސިލް މެންބަރު އީސާ ހަލީމް ސަން އޮންލައިނަށް މިއަދު ވިދާޅުވީ ރެއިން ފެށިގެން ބޯކޮން ވާރޭ ވެހެމުން ދިއުމުގެ ސަބަބުން ބައެއް ކަރާ ދަނޑުތަކާއި މިރުސް ދަނޑުދަނޑުތަކުގައި އެއްކޮން ފެން ބޮޑުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކަރާ ދަނޑުތަކުގައި އިންދާފައިވާ ކަރާގަސްތަކާއި މިރުސްގަސްތައްކުގެ މައްޗަށް ފެންބޮޑުވެއިވާ ކަމަށެވ.
"ރޭގައި ވަރަށް ބޯކޮން ވާރޭ ވެހުމުގެ ސަބަބުން ދަނޑުތަކަށް ވަރަށް ބޮޑަތި ގެއްލުންތައް ވެފައި ވަނީ. އޭގެ އިތުރުން މިއަދު ވެސް ހުއްޓާނުލާ ވާރޭ ވެހެމުން ދަނީ. އެހެންވީމާ ދަނޑުތަކަށް ފެންގަނޑު ވަދެފައި ވާތީ އޭގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވޭ،" އީސަ ވިދާޅުވި އެވެ.
ރާއްޖެ އަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ވަރަށް ގިނަ ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އޭގެ ތެރޭގައި ދަނޑުވެރިކަންކުރާ ރަށްތަކުގެ ދަނޑުބިންތަކުގައި ފެންބޮޑުވެ ދަނޑުތައް ވަނީ ހަލާކުވެފެ އެވެ.
މިހާރުކުރަމުންދާ ވިއްސާރައިގައި 24 ރަށަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު މި ވިއްސާރާގައި ގއ. ނިލަންދު އާއި ލ. އަތޮޅުގެ ހަ ރަށެއްގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދު ހަސަން މަނިކު ވިދާޅުވެފައި ވަނީ ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ ހުރިހާ ރަށަކަށް ސަރުކާރުން ފުރިހަމަ އަށް އަޅަލާނެ ކަމަށެވެ.