ބޭންކް އޮފް މޯލްޑިވްސް އިން އިތުރު 19 އޭޓީއެމެއް ގެނެސް މި މަހުގެ ތެރޭގައި ބަހައްޓަން ފައްޓާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބޭންކްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި މަހުގެ ތެރޭ 19 އޭޓީއެމް މެޝިނެއް ރާއްޖެ ގެނެސް އަދި މި މަސްތެރޭ އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތްތައް ފައްޓާނެ ކަމާއި އެ މަސައްކަތް ވަރަށް ބާރަށް ގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އާ އޭޓީއެމްތައް ބަހައްޓާނީ މާލެ އާއި އާބާދީ ބޮޑެތި އަތޮޅުތަކުގައި ކަމަށާއި މާލޭގައި ވެސް މެޝީންތައް ބަހައްޓާނީ ޑިމާންޑް ބޮޑެތި ސަރަހައްދުތަކުގައި ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އޭޓީއެމް މެޝިންތައް ބަހައްޓާނެ ތަންތަން ކަނޑައެޅުމުގައި ކަސްޓަމަރުންގެ ޚިޔާލަށް ބަލާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ތަންތަނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ބޭންކުން ބުނީ އަލަށް ގެންނަނީ އެންމެ ޒަމާނީ ފެންވަރުގެ އޭޓީއެމްތަކެއް ކަމަށާއި ދުނިޔޭގެ ފެންވަރުގެ ސަލާމަތީ ފިޔަވަޅުތަކުގެ އިތުރުން މުޅިން އައު ޚިދުމަތްތަކެއް ތަޢާރަފް ކުރުމުގެ ގާބިލުކަން ވެސް އެކުލެވޭ މެޝިންތަކެއް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން އޭޓީއެމް މެޝިންތައް ބަހައްޓާނެ ތަންތަން ކަނޑައެޅުމުގައި ކަސްޓަމަރުންގެ ޚިޔާލަށް ބަލައި ބޭންކުން ނިންމާފައި ވަނީ މިހާރުދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

އިތުރު އޭޓީއެމް މެޝިންތަކެއް ބޭންކުން ގެންނައިރު، ސަރުކާރާއި ރައްޔިތުން ހިއްސާވާ، ގައުމީ ބޭންކްގެ ސާފު ފައިދާ މި އަހަރުގެ ތިން ވަނަ ކުއާޓަރު ނިމުނު އިރު 200 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.