ދެހާސް އަށް ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުގެ މަގާމުތަކުން ވަކިވެފައިވާ އަށް ފަރާތަކަށް އިނާޔަތުގެ ގޮތުގައި ދޫކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ޕެންޝަން އޮފީހުގައި އެދިފައި ވަނީ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާކަން ހާމަވެއްޖެ އެވެ.

ސަން އޮންލައިނަށް ވަނީ އެކަމާ ގުޅުން ހުރި ރަސްމީ ލިއުންތައް ލިބިފަ އެވެ. އެގޮތުން ސީއެސްސީ އިން ޕެންޝަން އޮފީހަށް ފޮނުވި ސިޓީއާ އެއާ އެކު އެޓޭޗްކޮށްފައިވާ އަށް ބޭފުޅުންގެ ނަން ލިސްޓާއި ތަފްސީލް ވަނީ ލިބިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ސީއެސްސީ އިން ޕެންޝަން އޮފީހަށް ފޮނުވި ސިޓީގައިވާ ގޮތުން ރައީސުލުޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމުގެ ގޮތުން އޭރު އައްޔަން ކުރެއްވި، އަށް ބޭފުޅަކަށް އިނާޔަތް ދޭން ނިންމީ އެ ފަރާތްތަކަކީ 55 އަހަރުވެގެން ވަޒީފާ އިން ވަކިކުރާ ފަރާތްތަކަށްދޭ ޕެންޝަން ލިބޭ ގޮތަށް ވަޒީފާ އިން ވަކިކުރި ފަރާތްތަކެއް ކަމަށެވެ. އަދި އެ ފަރާތްތަކަށް ޕެންޝަން ހަމަޖައްސައިދިނުމަށް އެދިފައި ވަނީ 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެންނެވެ.

އެގޮތުން އެ ލިސްޓްގައި ހިމަނާފައިވާ އެއް ބޭފުޅަކީ ރާއްޖެތެރޭގެ ހާއްސަ އެހީތެރިއަކަށް ހުންނެވި ހުސައިން މޫސާ، ފިނިވާގެ، ކާށިދޫ އެވެ. އޭނާ 2009 ޖެނުއަރީ ފަސް ވަނަ ދުވަހު މަގާމުން ވަކިކުރެއްވި އިރު އޭނާ ވަނީ 22 އަހަރާއި 11 މަސްދުވަހު އަދި 24 ދުވަހު ސަރުކާރަށް ހިދުމަތް ކުރައްވައިފަ އެވެ. އޭނާ އަށް އިނާޔަތުގެ ގޮތުގައި ގަނޑުކޮށް 90،000ރ. ދިނުމަށް ހުށަހަޅާފައިވެ އެވެ.

އިނގޭރިވިލާތަށް ކަނޑައަޅާފައި ހުންނެވި ޑެޕިއުޓީ ހައިކޮމިޝަނަރު، ހ. އޭޝަންލޮޖް، މާލެ އާދަމް ހަސަން ވަކިވެވަޑައިގެންނެވީ 2008 ޖޫން މަހުގެ ތިނެއްގަ އެވެ. އޭނާ އަށް 24 އަހަރާއި 22 ދުވަހު ހިދުމަތް ކުރައްވާފައިވާ އިރު އޭނާ އަށް ގަނޑުކޮށް 320،000ރ. ދިނުމަށް ކަނޑައަޅާފައިވެ އެވެ.

އެ ލިސްޓްގައި ހިމެނޭ މ. އޯޝޭނިޔާ މުހަންމަދު ޒުހައިރު ޗީފް އެގްޒެކެޓިވް އޮފިސަރެއްގެ މަގާމުން 7 އޮގަސްޓް 2008ގައި ވަކިކުރެއްވި އިރު އޭނާ އަށް 343،000ރ. ލިބިވަޑައިގަންނަވާނެ ކަމަށް އެ ލިއުމުގައިވެ އެވެ.

އަދި އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމުން 2008 ސެޕްޓެމްބަރު 22 ވަނަ ދުވަހު ވަކިކުރެއްވި ބައިކަނޑިގެއާގެ އަބްދުﷲ ޝާކިރަށް 2417ރ. މަހުން މަހަށް އިނާޔަތުގެ ގޮތުގައި ދޭން ޖެހެ އެވެ. އޭނާ އަށް 120،000ރ. ގަނޑުކޮށް ލިބޭނެ އެވެ.

އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މ. ހަޒާރުމާގޭ، އަހުމަދު ވަޖީހު ސެޕްޓެމްބަރު 2008 ގައި ވަކިކުރައްވާފައިވާ އިރު އޭނާ އަށް 120،000ރ. ގަނޑުކޮށް ދޭން ޖެހެ އެވެ.

ރާއްޖެ ތެރޭގެ ހާއްސަ އެހީތެރިއާގެ މަގާމުގައި 27 އަހަރާއި ނުވަ މަސް ދުވަހާއި 19 ދުވަސްވަންދެން ފުރުއްވާފައިވާ އަބްދުލް ހާދީ އިބްރާހިމް ދީދ، އާސިއްކަގެ، މ. މުލީ، އަށް ގަނޑުކޮށް 114،600ރ. ލިބިވަޑައިގަންނަވާނެ އެވެ.

ކޮމިޝަނަރެއްގެ މަގާމު ފުރުއްވި ފުވައްމުލަކު، ޕްރިމްރޯޒް އަބްދުﷲ ފާރޫގް ހަސަން ވަކި ކުރައްވާފައި ވަނީ 7 އޮގަސްޓް 2008ގަ އެވެ. އޭނާ ހިދުމަތް ކުރައްވާފައި ވަނީ 39 އަހަރާއި 11 މަހާއި ހަތް ދުވަހު އެވެ. އޭނާ އަށް ގަނޑުކޮށް އެއްމިލިއަން ރުފިޔާ ދޭންޖެހެ އެވެ.

އެ ލިސްޓްގެ އެންމެ ފުލުގައި ވަނީ ބޮޑު ކަތީބަކަށް ހުންނެވި، ހއ. އިހަވަންދޫ ކުދިމާގޭ އަދުނާން އަބްދުﷲ އެވެ. އޭނާ 2010 ޖޫން 7ގައި ވަޒީފާ އިން ވަކިކުރެއްވި އިރު އޭނާ ވަނީ 34 އަހަރާއި ދެ މަހާއި 14 ދުވަހު ހިދުމަތް ކުރައްވައިފަ އެވެ. އެބޭފުޅާ އަށް ގަނޑުކޮށް 219،120ރ. ދޭންޖެހެ އެވެ.

އެއަށް ބޭފުޅުންނަށް މިހާތަނަށް ނުލިބިވާ ޕެންޝަންގެ ފައިސާގެ ގޮތުގައި ދިނުމަށް ޖުމްލަ 2.5 މިލިއަން ރުފިޔާ ދޭންޖެހޭނެ އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް އައްޔަން ކުރުމުގެ ގޮތުން ދިވެހި ސިވިލްސާވިސްގެ ހިދުމަތުގައި ތިއްބަވަނިކޮށް އުމުރުން 55 އަހަރު ފުރިފައިވާ މުވައްޒަފުން ވަޒީފާ އިން ވަކިކުރައްވާފައިވާ ވަކިކުރުން ބާތިލްކުރުމަށް ފަހު 55 އަހަރުވެގެން ވަކިކުރެވޭ މުވައްޒަފުންނަށް ދޭން ޖެހޭ އިނާޔަތް ލިބޭގޮތަށް ވަޒީފާ އިން ވަކިކުރުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން އެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރައްވައިފަ އެވެ،" އެ އަށް ބޭފުޅުންނަށް ޕެންޝަން ދޭން ނިންމި ސަބަބާ ގުޅޭގޮތުން ސިޓީގައިވެ އެވެ.

އަށް ފަރާތަކަށް ބޮޑެތި އަދަދުތަކުން ޕެންޝަން ފައިސާ ދޭން ސީއެސްސީން ހުށަހަޅާފައިވާކަން ޕެންޝަން އޮފީހުން ވަނީ ބުނެފަ އެވެ. އަދި އެއީ ބޮޑެތި އަދަދުތަކެއް ކަމަށާއި އެ އަށް ފަރާތައް ޕެންޝަންގެ ގާނޫނުގެ ދަށުން ޕެންޝަން ހައްގުވާ ފަރާތްތައް ނޫންކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ދީފައެއްނުވެ އެވެ.

އެކަމާ ގުޅިގެން ސީއެސްސީގެ ބަހެއް ވަނީ ލިބޭގޮތެއްނުވެ އެވެ.