01 Nov 2012, 15:35
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް)ގެ މެނޭޖިން ޑިރެކްޓަރު މަގާމުގެ ބޭނުން ނާޒާއިޒު ގޮތުގައި ހިއްޕަވައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށް ބުނެ އެ ކުންފުނީގެ ބޯޑު ދެ މެންބަރަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހުށަހަޅައިފި އެވެ.
އޭސީސީގެ ރައީސް، ހަސަން ލުތުފީ މިއަދު ވިދާޅުވީ ތިލަފުށި ކޯޕަރޭޝަނުން ފައިސާގެ މުއާމަލާތް ކުރުމުގައި ބޯޑުގެ ނިންމުމާ ހިލާފަށް މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފް އަމަލު ކުރައްވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ބައްލަވަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދައްވަ އެވެ.
ޓީސީއެލްގެ ބޯޑްގެ ދެ މެންބަރުން އޭސީސީ އަށް ހުށައަޅައި އަދި ސަން އަށް ކޮޕީ ލިބިފައިވާ އެ ލިޔުމުގައި ބުނެފައި ވަނީ ޓީސީއެލް އިން 500،000ރ. އަށް ވުރެ މަތީގެ ޗެކުތައް އިޝޫކުރުމުގައި ބޯޑު މެންބަރުން ސޮއިކުރުމަށް ކުރިންސުރެ، އަމަލުކުރަމުން އައި އުސޫލު މި އަހަރުގެ ސެޕްޓެމްބަރު މަހު ބަދަލުކޮށް، އެ އަދަދު 100،000ރ. އަށް ތިރިކޮށް، އެ އަށް ވުރެ މަތީ އަދަދުގެ ޗެކުތަކުގައި ބޯޑު ދެ މެމްބަރަކު ސޮއިކުރާ ގޮތަށް ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ކޯޕަރޭޝަންގެ ބޯޑް މެމްބަރު، އަބްދުﷲ ޝިނާނާއި އަހުމަދު ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލާގައި ބުނެފައި ވަނީ، ބޯޑުގެ ނިންމުމާ ހިލާފަށް އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، މުހައްމަދު ލަތީފު ހެޑްކަން ކުރައްވާ، މެނޭޖުމަންޓުން އަމަލުކޮށްފައިވާ ކަމަށެވެ.
"އޮކްޓޫބަރު މަހުން ފެށިގެން މިއަދާ ހަމަ އަށް ވެސް ކުންފުނީގެ ނަމުގައި ޗެކްތައް ދޫކުރަމުން ދަނީ ކުންފުނިން ކުރިން ގެންގުޅުނު އުސޫލުގެ މަތިންކަން ފާހަގަކުރަމެވެ. އަދި މި މަހުގެ 24 ވަނަ ދުވަހު ތިލަފުށި ކޯޕަރޭޝަން ބޯޑުގެ މެންބަރުން ކުންފުނީގެ އެމްޑީ އަށް ބޯޑުން ނިންމާފައިވާ ގޮތުގެ މަތިން މެނުވީ އަމަލުނުކުރުމަށް ދަންނަވަމުން ދަނިކޮށް 315000ރ. ގެ ޗެކެއް ވަނީ އިޝޫކޮށްފަ އެވެ." އޭސީސީ އަށް ހުށައަޅާފައިވާ މައްސަލާގައި ބުނެފައިވެ އެވެ.
ޓީސީއެލްގެ ކޮމްޕެނީ ސެކްރެޓަރީ އާމިނަތު ނަޝްވާއާ ހަވާލާދީ ބޯޑް ދެ މެމްބަރުން އޭސީސީ އަށް ހުށަހެޅި ލިއުންތަކުގައި ބުނެފައި ވަނީ، ޗެކްތައް އިޝޫކުރުމަށް ގެނައި ބަދަލަށް އަމަލުނުކުރެވި ވަނީ، މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފުގެ އެއްބާރުލުން ލިބިފައި ނުވާތީ ކަމަށެވެ.
ނަމަވެސް ޓިސީއެލްގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ލަތީފް އެކަމަކަށް އެއްބަހެއް ނުވެ އެވެ. އޭނީ މިއަދު ސަން އަށް ވިދާޅުވީ ޗެކް އިޝޫކުރުމުގައި އެކުންފުނިން ކުރިން ގެންގުޅުނު އުސޫލަށް ބަދަލުގެނެސްފައިވާ ކަމަށާއި އަދި އެބަދަލަށް އިހުތިރާމް ކުރާ ކަމަށެވެ. އަދި އެ ބަދަލަށް އަމަލުކުރަން ނުފެށި ވަނީ ބޭންކަން ހުށައަޅަން ޖެހޭ ގަރާރުގައި ބައެއް މެންބަރުން ސޮއިކުރައްވާފައި ނުވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބަދަލަށް ފަހު 100،000ރ. އަށް އަށް ވުރެ މަތީ އެއްވެސް ޗެކެއްގައި ސޮއިކޮށްފައިނުވާނެ ކަމަށާއި ހަމައެކަނި ސޮއިކުރައްވާފައި ވަނީ ޕޭރޯލް ޗެކްގައި ކަމަށާއި އެޗެކްގައި ސޮއިކޮށްފައި ވަނީ ޑިރެކްޓަރުންގެ ބޯޑާ މަޝްވަރާކޮށްފައި ކަމަށެވެ.
ނަމަވެސް އެ މައްސަލަ އޭސީސީ އަށް ހުށަހެޅުއްވި، ޓީސީއެލްގެ ޑިރެކްޓަރުން ބޯޑު މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ ބެންކަށް ހުށައަޅަން ޖެހޭ ލިޔުމުގައި ސޮއިކުރުމަށް އަންގާފައި ވަނީ އިއްޔެ ކަމަށެވެ. އަދި އެލިޔުމުގައި ސޮއިނުކުރައްވައި ވަނީ މީގެ ދެ މަސް ކުރިން ނިންމި ނިންމުމެއްގައި ސޮއިކުރުމަށް އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުގެ ތާރީހުގައި ގެނައުމުން ކަމަށާއި އެހެންކަމުން ތާރީހް ބަދަލުކޮށްފައި ގެނައުމުން ސޮއިކުރާނެ ކަމަށް އަންގާފައިވާ ކަމަށެވެ.