ގ. ވޭރު އަބްދުލް މުހީތު މަރާލިކަމަށް ތުހުމަތު ކުރެވޭ ތިން ކުދިންގެ ޝަރީއަތް މިއަދު ކެންސަލްކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ އިދާރީގޮތުން ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އާދީއްތަ ދުވަހަށް އެ މައްސަލަ މިހާރު ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިދާރީގޮތުން ދިމާވި ކަމަކާ ގުޅިގެން މިއަދު 2:00 އަށް ޝެޑިއުލްކުރި މައްސަަލަ ކެންސަލް ކުރަންޖެހުނީ. އަންނަ އާދީއްތަ ދުވަހަށް މިހާރު ވަނީ އަނެއްކާވެސް އެ މައްސަލަ ޝެޑިއުލްކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

އެ ތިން ކުދިންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގާފައިވާއިރު އެ މީހުންގެ ފޯންކޯލް ރިކޯޑިންވެސް ޝަރީއަތުގައި ވަނީ އިއްވާފަ އެވެ.

ޖުވެނައިލް ކޯޓުން ބުނީ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުހީތުގެ ވާރިސުންގެ ނަންތައް ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައި ވާކަމަށެވެ.

މުހީތުގެ ވާރިސުންގެ ތެރެއިން އޭނާގެ އެއްބަފާ ދައްތަގެ ބަޔާން ނެގުމުން އޭނާ ބުނީ އެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށެވެ.

ޖުވެނައިލް ކޯޓުން ބުނީ ހާދިސާ ހިނގިއިރު އެތިން ކުދިންގެ އުމުރަކީ 17 އަހަރު ކަމަށާއި އޭގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެނަށް ވެސް މިހާރު 18 އަހަރު ފުރިފައިވާކަމަށެވެ.

މުހީތުގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. އެ ތިން މީހުންނަކީ ގދ. ގައްދޫ އަބްލަޢީގޭ މުހުޖަތު އަހުމަދު ނާސިހު، 19، އާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައު، 19، ގެ އިތުރުން ޅ. ނައިފަރު ޒައިތޫނިގޭ، 19، މުހައްމަދު މައިމޫން، 19، ގެ މައްޗަށެވެ.

އެ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ވެސް މިހާރު ވަނީ ނަގާފަ އެވެ.