01 Nov 2012, 15:04
ފިހާރަކައަކުން ވައްކަން ކުރި އަންހެނަކު އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މާފަންނު ސަހަރާ ކައިރީ ހުންނަ ވީބީ މާޓް ފިހާރަ އިން ވައްކަން ކުރުމުގެ ކުށުގައި އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ މ. ލޮނުމިދިލިގޭ ޔުމްނާ އަބްދުއް ރައްޒާގުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނަނީ މި އަހަރުގެ އޭޕްރީލް މަހު ފަސް ވަނަ ދުވަހުގެ ރޭ 10:15 އެހާކަންހާއިރު މާފަންނު ސަހަރާކައިރީ ހުންނަ ވީބީ މާޓް ފިހާރައިން ޔުންމާ ވައްކަން ކޮށްފައިވާކަން ޝަރީއަތުގައި އޭނާ ދައްކާފައިވާ ވާހަކަތަކާއި ދައުލަތުން ހުށަހެޅި ހެކީން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
"ފިހާރައަކުން ވައްކަންކުރުމުގެ ކުށުން ޔުމްނާ އަބްދުއް ރައްޒާގު ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން ހަ މަސް ދުވަސް އަދި އެ ގާނޫނުންގެ 138 ވަނަ މާއްދާގެ ދަށުން ހަ މަސް ދުވަސް އެކު، ޖުމްލަ އެއް އަހަރު ދުވަހުގެ މުއްދަތަށް ޔުމްނާ އަބްދުއްރައްޒާގު ޖަލަށް ލުމަށް ހުކުމްކޮށް، މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.
ޔުމުންނާ އަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެކެވެ.