މަތީ ތަޢުލީމަށް އެހީވުމުގެ އެންމެ ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދިޔައީ މިއަހަރު ތެރޭގައި ކަމަަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ސީއެޗްއެސްއީ މިއަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓާ ވިދާޅުވީ މިހާރު މަތީ ތަޢުލީމަށް އެހީވުމަށް ހުޅުވާލާފައިވާ ފުރުސަތު ތަކުގެ ސަބަބުން މަތީ ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ލުއިލޯނު ލިބޭނެ ކަމަށާއި އަދި ހުޅުވައިލެވިފައިވާ ފުރުސަތުތަކާއެކު މަތީ ތަޢުލީމަށް ތަފާތު އެކި ޕްރޮގްރާމްތައް އަލަށް ފަށާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަތީ ތަޢުލީމުގެ ފުރުސަތުތައް މިދަނީ ފުޅާވަމުން. މިއަހަރު ތެރޭގައި ރާއްޖޭން އެންމެ ގިނަ މަތީ ތަޢުލީމުގެ އެހީ ދިނުމުގެ ޕްރޮގްރާމްތައް މި އޮތީ ފެށިފައި. މި ޕްރޮގްރާމްގެ ދަށުން ލުއިލޯން ލިބޭނެ. އެކިއެކި ޕްރޮގުރާމްތައް އަޅުގަނޑުމެން މިހާރު އިފްތިތާޙް ކޮށްފިން. އެ ޕްރޮގުރާމްތަކަށް ކުރިމަތިލައްވާ އެ ލޯނުތަކުގެ އެހީގަ ތިބޭފުޅުންގެ މަތީ ތަޢުލީމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑެތި ފުރުސަތު ތަކެއް ހުޅުވިގެންދާނެ." މިނިސްޓާ ވިދާޅުވި އެވެ.

މިނިސްޓާ ވިދާޅުވީ މަތީ ތަޢުލީމް ހާސިލް ކުރުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުމަކީ މުޅި ގައުމުގެ މަސްތަގުބަލް އުޖާލާ ވެގެންދާނެ ކަމެއް ކަމަށާއި އެހެންކަމުން ލިބިފައިވާ ފުރުސަތުތަކުގެ ބޭނުން ކޮށްގެން އިތުރަށް މަތީ ތަޢުލީމުގެ ދާއިރާއިން ކުރިއަށް ދިއުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

މީގެ އިތުރުން މިނިސްޓާ ވިދާޅުވީ މިއަހަރު ސީއެޗްއެސްއީ ނިމުނު ދަރިވަރުންނަކީ މާދަމާ ގައުމު ބިނާ ކުރުމުގައި އެކި މަސައްކަތުގައި އުޅޭނެ ފަރާތްތަކެއް ކަމަށާއި ބައެއް ދަރިވަރުންނަކީ އިތުރައް މަތީ ތަޢުލީމް ހާސިލް ކުރާނެ ދަރިވަރުންކަން މިނިސްޓާ ފާހަނގަ ކުރެއްވި އެވެ. އެހެންކަމުން މި ލިބުނު ތަޢުލީމުގެ އެހީގައި ތެދުވެރި ކަމާއި އިހުލާސްތެރި ކަމާއެކު ކުރިއަށް ދިއުމަށް މިނިސްޓާ އެދިވަޑައިގެންނެވި އެވެ.

މިނިސްޓަރު ވިދާޅުވީ މިދުވަސްވަރަކީ ގައުމަށާއި އަދި މީހުންގެ ދިރުއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސް ވަރެއް ކަމާއި އެގޮތުން ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ދަރިވަރުންނަށް ކުރާ ނޭދެވޭ އަސަރު ތަކުން ދަރިވަރުން ސަލާމަތް ކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް މިނިސްޓާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ދަރިވަރުން އުޅެމުންދާ މާހައުލަކީ ވަރަށް ބޮޑަށް ހުޅުވިފައިވާ މާ ހައުލެއް ކަމަށާއި އެހެން ކަމުން ގައުމުގެ ތެރޭގައި އުފެދޭ ތަފާތު އެކި ނުފޫޒްތަކުން ދަރިވަރުން ސަލާމަތް ކޮށް ދަރިވަރުން ތައުލީމަށްދޭ ސަމާލުކަން ނުގެއްލޭ ގޮތަން ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ޓީޗަރުންނާއި ބެލެނިވެރިންގެ ކިބައިން މިނިސްޓާ އެދި ވަޑައިގަތެވެ.

މިނިސްޓާ އިތުރަށް ވިދާޅުވީ އަދުގެ ޒުވާނުންނަކީ މާދަމާގެ ގައުމުގެ މުސްތަގުބަލު ކަމަށާއި އެހެން ކަމުން ކުރިއަށް ދިއުމުގައި ތެދުވެރި ކަމާއި އިޙްލާސްތެރި ކަމާއެކު ކުރިއަށް ދިއުމަށް ދަރިވަރުންނަށް ގޮވާލެއްވި އެވެ. އަދި ތައުލީމީދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ދަރިވަރުންނަށް އިއުތިމާސް ކުރެއްވި އެވެ.

މިއަދު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ތަފާތު އެކި މާއްދާތަކުން ޑިސްޓިންޝަން ހޯދި ދަރިވަރުންނަށާއި އެ ސެންޓަރުގެ ތަފާތު އެކި މުބާރާތް ތަކުން ވަނަތައް ހޯދާފައިވާ ދަރިވަރުންނަށާއި އަދި ގައުމީ ޓޮޕްޓެންގައި ހިމެނުނު 20 ދަރިވަރުންނަށް ވަނީ ސްޓިފިކެޓާއި އިނާމްދީފަ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ސީއެޗްއެސްސީން ވަނީ މުޅި ޖުމްލަ 357 ދަރިވަރުން ތައުލީމް ހާސިލް ކޮށްފަ އެވެ.