މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައަކީ އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ބާރުގަދަ ތޫފާން، "ނީލަމް"ގެ ސަބަބުން ކުރި ވިއްސާރައެއް ކަމުގައި ވީނަމަވެސް މިހާރު ކުރަމުންދާ ވިއްސާރައާ އެ ތޫފާނާ ގުޅުމެއް ނެތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުގެ މީޓްރޮލޮޖިކަލް ޓެކްނީޝަން ތަހުމީނާ އަބްދުލް ކަރީމް މިއަދު ވިދާޅުވީ އިއްޔެވެސް ލަފާކުރެވުނު ގޮތައް އިއްޔެ ހަވީރުގެ ވަގުތެއްގައި ނީލަމް ތޫފާން އިންޑިއާގެ ތެމިލްނާޑޫގެ އައްސޭރި ފަށަށް އެރުމާ އެކު އެ ތޫފާން ރާއްޖެއާ ދުރަށް ޖެހި އެ ތޫފާނުގެ ސަބަބުން ރާއްޖެ މަތީގައި އުފެދިފައިވާ ވިއްސާރަ ވިލާތައް މިހާރު ނެތް ކަމަށެވެ. އަދި ރާއްޖެއަށް މިހާރު ކުރެމުން މިދަނީ ލޯޕްރެޝާ ޓްރަފެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށްވެސް ވިދާޅުވި އެވެ.

"ތޫފާންގެ ބާރުކެޑި އެ ތޫފާން މިހާރު ރާއްޖެއާވެސް ދުރަށް ޖެހިފައިވަނީ. މިހާރު ތޫފާންގެ އެއްވެސް އަސަރެއް ރާއްޖެއަކަށް ނެތް،" ތަހުމީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދުވެސް އަށް މޭލާއި 18 މާލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑާއި ކޮޅިގަނޑުގައި ގަނޑިއަކު 40 މޭލަށް ވައިޖެހޭނެ ކަމަށެވެ. އަދި މެދު ރާއްޖެ ތެރެ އާއި ދެކުނުގެ ރަށްތަކަށް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ނީލަމް ތޫފާނާ އެކު އިންޑިއާގެ ތެމިލްނާޑޫ އާއި އަންދްރަޕްރަދޭޝްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު އެ ސަރަހައްދުތަކުން ގިނަ ބަޔަކު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފަ އެވެ. ކަމާ ބެހޭ ފަރާތްތަކުން ލަފާކުރަނީ ނީލަމް ތޫފާން ދަތުރުކުރަމުން ދަނީ ގަޑިއަކު 85 ކިލޯމީޓަރު ބާރުމިނުގައި ކަމަށެވެ. އެ ތޫފާން މީގެ ކުރިން ވަނީ ސްރީލަންކާގެ އައްސޭރިފަށަށްވެސް އަރައި އެ ސަރަހައްދަށް އެތައް ގެއްލުންތަކެއް ވެފަ އެވެ.

ނީލަމް ތޫފާނުގެ އަސަރު ރާއްޖޭގެ ސަރަހައްދުތަކަށް ފޯރާ ދެކުނާއި އުތުރާއި އަދި މެދު ރާއްޖެ ތެރޭގެ ރަށްތަކުގައި ފެންބޮޑުވެ، ބޮޑަތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން ހޯރަފުށީގައި ފެންބޮޑުވެ 600 އެއްހާ މީހުންނަށްވަނީ އޭގެ އަސަރުކޮށްފަ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ދަނޑުބިންތައް ހަލާކުވެ ދަނޑުވެރިންނަށް ވަނީ އެކި ވަރުގެ ގެއްލުންވެފަ އެވެ. އަދި ކަނޑުމަތީގެ އެކި ހާދިސާތައް ވެސް ވަނީ ހިނގައިފަ އެވެ.