އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރަން އާންމު ކޮމެޓީން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފައި ވަނިކޮށް، އާންމު ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ރޭ ބާއްވައި އަނެއްކާ ވެސް އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރަން ކޮމެޓީން ފާސްކޮށްފި އެވެ.

އާންމު ކޮމެޓީގެ ނައިބު މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ރިޔާސަތު ބެލެހެއްޓެވި ކޮމެޓީގެ ބައްދަލުވުމަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ތިން މެންބަރުންނެވެ. ކުއްލި މައްސަލާގައި ވަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ޝިފާޒް މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވާފައިވާ އިސްލާހުތައް ކޮމެޓީން ދިރާސާ ކުރައްވައި ގޮތެއް ނިންމަވައި ދިނުމަށެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް ޓަކައި މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިސްލާހު ފާސްވީ ކޮމެޓީ އަށް ހާޒިރުވި އަށް މެންބަރުންގެ ތެރެއިން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ހަތަރު މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެ އިސްލާހު ފާސްކުރުމާ ދެކޮޅަށް ވޯޓް ދެއްވީ ސަރުކާރަށް ތާއިދު ކުރާ ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި އާމިރަށް ވޯޓްގައި ބައިވެރިއެއް ނުވެވެ އެވެ. ރިޔާސަތުގައި އިންނަވާ ބޭފުޅާއަށް ވޯޓްގައި ބައިވެރިވެވޭނީ ވޯޓް އެއްވަރުވެއްޖެ ހާލަތެއްގަ އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރަން އެމްޑީޕީގެ އަޣުލަބިއްޔަތުން ފާސްވީ ކޮމެޓީގައި ހިމެނޭ ސަރުކާރަށް ތައީދު ކުރާ ބައެއް މެންބަރުން ކޮމެޓީ އަށް ހާޒިރު ނުވުމުންނެވެ. ރޭގެ ބައްދަލުވުމަށް ހާޒިރުވެފައި ނުވަނީ ކެންދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. ކޮމެޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ހުންނެވީ ޗުއްޓީ ނަންގަވައިގެން ރާއްޖެ އިން ބޭރުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓް މަޖިލީހުގެ ތަޅުމަގަ އާއި ކޮމެޓީތަކުގައި ނަގާއިރު ސިއްރު ވޯޓް ނެގުމަށް ކަނޑައަޅައި މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. އެ އިސްލާހަށް އަމަލު ކުރަން ފަށާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާ (ހ) އިސްލާޙްކުރެއްވުމަށާއި އެގަވާއިދުގެ 173 ވަނަ މާއްދާ އާއި 177 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ޝިފާޒު ހުށަހެޅި އިސްލާހު ވެސް ކޮމެޓީން މީގެ ކުރިން ވެސް ފާސްކޮށްފައިވެ އެވެ. ނަމަވެސް ކޮމެޓީގެ އެ ނިންމުމަކީ ބާތިން ނިންމުމެއް ކަމަށް ކަނޑައަޅާފައި ވަނީ ކޮމެޓީގެ މުގައްރިރު ނެތް ހާލަތެއްގައި ނައިބު މުގައްރިރުގެ އެނގުމެއްނެތި ބޭއްވި ބާއްދަލުވުމެއްގައި އެ ގޮތަށް ފާސް ކުރުމުންނެވެ.