ސަރަހައްދީ އޮންލައިން ނޫހަކަށް ރައީސް މުހައްމަދު ނަޝީދު ދެއްވި އިންޓަވިއު އެއްގައި، ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ބައެއް "ހަގީގަތްތައް ސިއްރުކުރައްވާ" ބައިނަލް އަގްވާމީ މީޑިއާ އަށް އޮޅުވާލައްވާފައިވާ ކަމަށް ބުނެ، އިދިކޮޅު ޕީޕަލްސް އެލައަންސުން އެ މަނިކުފާނުގެ އިންޓަވިއުއަށް ރައްދު ދީފި އެވެ.


މި މަހުގެ 8 ވީ ބުދަ ދުވަހު އޭޝިއަން ޓްރިބިއުންގައި ޝާއިއުކޮށްފައިވާ ރައީސް ނަޝީދުގެ އިންޓަވިއުއާ ގުޅޭ ގޮތުން، އިދިކޮޅު ޕާޓީ ޕީޕަލްސް އެލައެންސް (ޕީއޭ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގަސްތުގައި ރައީސް ނަޝީދު "ސިއްރުކުރެއްވި ހަގީގަތްތައް" ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެ ޕާޓީން ހާމަކުރަން ބޭނުންވާ ކަމަށް ބުނެ، ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވާ މައިގަނޑު 10 ކަމަކަށް ރައްދު ދީފަ އެވެ.


އެގޮތުން ވާދަވެރި ލީޑަރު އަބްދުﷲ ޔަމީން އަބްދުލް ގައްޔޫމްގެ ޕީއޭގެ ބަޔާނުގައި ބުނަނީ، އެ އިންޓަވިއުގައި، ސަރުކާރުން އެޑްވޮކޭޓް ކުރަމުންދާ މައިގަނޑު ދެ ކަންތަކުގެ ތެރޭގައި އެންޓިކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ މައްސަލަ ރައީސް ނަޝީދު ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި އެ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ގޮތުން ފުރިހަމަ ތަފްސީލު ދެއްވާފައިވާ އިރު، ސަރުކާރާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަނުގެ އަމަލުތައް މަދުކުރުމާ ބެހޭ އެއްވެސް ވާހަކައެއް ރައީސް ނަޝީދު ދައްކަވާފައިނުވާ ކަމަށެވެ. އަދި އެންޓިކޮރަޕްޝަން ކޮމިޝަނަށް އެއްބާރުލުން ދިނުމަށް ފައިނޭންސް މިނިސްޓްރީން އެކިފަހަރުމަތިން ދެކޮޅު ހަދާފައިވާ ކަމަށާއި ރައީސް ނަޝީދާ ގާތްބޭފުޅުންނަށް "ފައިދާ ހުރި ބިޒްނަޒް ޑީލުތައް" ދެއްވާފައިވާ ކަމަށް ވެސް ޕީއޭ އިން ތުހުމަތުކޮށްފައިވެ އެވެ.


އަދި ހުރިހާ ބާރެއް އޮތީ ރައީސުލްޖުމްހޫރިއްޔާ އަތްޕުޅުގައި ކަމަށް ދެކެވަޑައިގެން، ބާރުގެ ބޭނުންކުރައްވައިގެން ކުރީ ސަރުކާރުގެ އިސްވެރިންނާ "ޑީލު" ހައްދަވަން ރައީސް ނަޝީދު މަސައްކަތްކުރެއްވުމަކީ އެމަނިކުފާނުގެ އިޚްލާސްތެރިކަމެއް ނެތް ކަމުގެ ނިޝާނެއް ކަމަށް ވެސް އިދިކޮޅު ޕީއޭން ތުހުމަތުކުރެ އެވެ. އަދި އެކަމުގެ ހެއްކެއްގެ ގޮތުގައި ރައީސް ނަޝީދުގެ ގަރާރަކުން އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ވާހަކަ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެ ރިޔާސީ ކޮމިޝަން ބޭނުންކުރައްވަނީ، އިދިކޮޅު ލީޑަރުންނަށް ބިރުދައްކަވައި "ބްލެކް މެއިލް" ކުރައްވަން ކަމަށް ވެސް ޕީއޭން ތުހުމަތުކޮށްފައިވެ އެވެ.


އަދި "ޑިމޮކްރެސީގެ ބައްޕަ"ގެ ގޮތުގައި ބައިނަލްއަގްވާމީ މަސްރަހުގައި މަޝްހޫރުވުމަށް އެމަނިކުފާނު ވަރަށް ބުރަ މަސައްކަތްތައް ކުރެއްވި ނަމަވެސް، މެދުނުކެނޑި އެމަނިކުފާނު އިދިކޮޅު ފަރާތްތައް ބަލިކަށިކޮށްލަން މަސައްކަތްކުރައްވަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.


ޕީއޭގެ ބަޔާނުގައި އިތުރަށް ބުނަނީ، ޤާނޫނީ ވެރިކަމާއި ތިން ބާރު ވެކިވެފައި އޮތުމުގެ މުހިންމު ކަމަށް ރައީސް ވާހަކަ ދައްކަވާ އިރު، އެ މަނިކުފާނުގެ އަމަލުފުޅުތައް ހުންނަނީ އެކަމާ މުޅިން އިދިކޮޅަށް ކަމަށެވެ.


"ސިފައިންނާއި ފުލުހުންގެ އިދާރާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލޭ މިންވަރަށް ރައީސް ނަޝީދު ވަނީ، އެ ދެ އިދާރާގެ އިސްވެރިއެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ އަމިއްލަފުޅު ސިޔާސީ ފައިދާއަށްޓަކައި، ސަލާމަތީ ބާރުތައް ބޭނުންކުރައްވާފައި" ޕީއޭގެ ބަޔާނުގައި ބުނެ އެވެ.


އަދި ޝަރުއީ ދާއިރާ އަށް ވެސް ނުފޫޒު ފޯރުއްވެވި ކަމަށް ތުހުމަތުކޮށް، ޕީއޭން ބުނީ، އެކަމުގެ ސަބަބުން ޝަރުއީ ދާއިރާ އަށް ރައްޔިތުންގެ އެއްވެސް ގަދަރެއް މިހާރު ނުކުރާ ކަމަށެވެ.


މީގެ އިތުރުން، ރައީސް ދެއްވި އިންޓަވިއުގައި، ތަސްދީގުކުރުން ލާޒިމްވާ ގޮތަށް މާލިއްޔަތުގެ ބިލު ތަސްދީގު ކުރުމަށް ފޮނުވާފައިވީ ނަމަވެސް، އެ ބިލު ތަސްދީގު ކުރެއްވުމަށް ވަކި މުއްދަތެއް ޤާނޫނު އަސާސީގައި ކަނޑައަޅާފައިނުވާ ކަމަށް ރައީސް ވިދާޅުވި ބަސްފުޅަށް ވެސް ރައްދު ފީފައިވެ އެވެ. އެގޮތުން އެހެން ބައެއް ޤާނޫނީ ވަކީލުން ވެސް އިއްތިފާގުވެވަޑައިގެންފައިވާ ފަދައިން، ޕީއޭން ވެސް ބުނީ، ދެވަނަ ފަހަރަށް މަޖިިލީހުން ފާސްކުރާ ބިލެއް "ވީޓޯ" ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެން ނުވާ ކަމަށެވެ.


ސަރުކާރުން ހިންގާފައިވާ ޣައިރު ޤާނޫނީ އެތަކެއް މައްސަލަތަކެއް ކޯޓު މަރުހަލާގައި މިހާރު ވެސް ހިނގަމުން ދާއިރު، ރައީސް ނަޝީދު އަދިވެސް އަމާޒުކުރައްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޑިމޮކްރެސީ ވާޝަނެއް ހިންގެވުމަށް ކަމަށެވެ.