އޭޑިސީގެ 27 ޑޮލަރުގެ މައްސަލައިގައި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ޖީއެމްއާރުން ވައްދާފައިވާ މައްސަލަ ނުނިމެނީސް އެކަމާ ގުޅޭ މައްސަލައެއް ދިވެހި ކޯޓެއްގައި ކުރިއަށް ގެންދިޔުން މަނާކޮށް ސިންގަޕޫރުގެ ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރު ބާތިލްކުރުމުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހުގެ 19 ދުވަހު ސިންގަޕޫރުގެ ހައިކޯޓުގައި އޮންނާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ޖީއެމްއާރުގެ އެދުމުގެ މަތިން ސިންގަޕޫރުގެ ހައިކޯޓުން މޯލްޑިވްސް އެއާޕޯޓްސް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މައްޗަށް އަމުރެއް ނެރެފައި ވަނީ އާބިޓްރޭޝަންގެ މައްސަލަ ނުނިމެނީސް އެ މައްސަލައާ ގުޅޭ އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދިޔުމަށެވެ. އެ އަމުރުގެ ބާތިލްކުރަން އެ މައްސަލަ ހައިކޯޓަށް ވެއްދީ އެމްއޭސީއެލްއިންނެވެ.

ވެލާނާގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ވަގުތީ އަމުރު އިސްތިއުނާފު ކުރި މައްސަލައިގެ ތެރެއަށް ދިވެހި ސަރުކާރުން ނުވަންނަ ކަމަށާއި އެ އަމުރު ހައިކޯޓުން ނެރެފައި ވަނީ އެމްއޭސީއެލްގެ މައްޗަށް ކަމަށް ވުމުން އެ މައްސަލައިގައި ވަކާލާތު ކުރައްވާނީ އެމްއޭސީއެލްއިން ކަމަށެވެ. އަދި ވިދާޅުވީ އެ އަމުރުގެ މައްސަލައިގައި ދިވެހި ސަރުކާރަށް ކާމިޔާބު ލިބޭނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި 19 ވަނަ ދުވަހު އޮންނަ ހިޔަރިންގައި، އިންޖަންގްޝަން މައްސަލައިގައި [އަމުރު ބާތިލްކުރަން ހުށަހެޅި މައްސަލައިގައި] ކާމިޔާބީއެއް ލިބޭނެ ކަމަށް އަޅުގަނޑުމެންގެ އުންމީދަކީ. އެހެންވެއްޖެއްޔާ އެ މައްސަލާގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ. ސަރުކާރުގެ ނިންމެވުމަކީ މިކަމަށް ޑިޕެންޑްވާ ނިންމުމެއް ކަމުގައިވާކަށް ނުޖެހޭ،" އާޒިމާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ކުރީގެ ޗެއާމަން ސޮއިކުރައްވައި ކޮންސެޝަންފީން، އޭޑީސީގެ 27 ޑޮލަރު ކަނޑަން ޖީއެމްއާރަށް ހުއްދަދިން ސިޓީ ބާތިލް ކުރަން އެ މައްސަލަ އެމްއޭސީއެލްއިން ސިވިލް ކޯޓަށް ވެއްދި ނަމަވެސް އެ މައްސަލަ ކުރިއަށް ނުގޮސްފައިވަނީ އެ އަމުރުގެ ސަބަބުންް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އާޒިމާ ވިދާޅުވީ ޖީއެމްއާރުގެ އެއްބަސްވުން އުވާލުމާމެދު ބަންޑާރަ ނައިބުގެ އޮފީހުން ނިންމަންޖެހޭ ކަމެއް ނޯންނާނެ ކަމަށާއި ސަރުކާރުގެ އެންމެ އިސް ފެންވަރުގައި ޖީއެމްއާރުގެ މައްސަލާގައި ގޮތެއް ނިންމެވުމުން، އެ ނިންމެވުމަކާ އެއްކޮށް ކުރިއަށް ދެވޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މިނިސްޓްރީއަލް ލެވެލްގެ ނިންމެވުމެއް ކަމަށް އެއީކީ، ޖީއެމްއާރު އެގްރިމަންޓް ޓާމިނޭޓް ކުރަންވީތޯ. ޖީއެމްއާރު އެގްރިމެންޓާ ބެހޭ ގޮތުން ސަރުކާރުގެ އެންމެ އިސް ފެންވަރުގައި ޑިޒިޝަނެއް ނެންގެވީމައި، އެ ނެންގެވި ޑިޒިޝަނަކާ އެއް ކޮށް ކުރިއަށްދާނީ. އެހެންވީމައި އިތުރަކަށް އޭޖީ އޮފީހަކުން ނަގަންޖެހޭ ޑިޒިޝަނެއް ނޯންނާނެ،" އާޒިމާ ވިދާޅުވި އެވެ.

ޖީއެމްއާރުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އޮޑިޓާ ޖެނަރަލްގެ އޮފީހުން ތަހުގީގު ކުރަމުންދާ މައްސަލަތައް ނުނިމޭތީ ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އެގޮތުން ޖީއެމްއާރުގެ އެއްބަސްވުމާއި އޭޑީސީގެ 27 ޑޮލަރުގެ މައްސަލާގައި ތަހުގީގު ލަސްވަމުންދާތީ އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމާއި އޭސީސީގެ ރައީސް ހަސަން ލުތުފީއާ ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ ޖީއެމްއާރުގެ މައްސަލައިގެ ތަހުގީގުތައް އެ ދެ މުއައްސަސާއިން ނިންމާލުމުން މައްސަލައިގައި ގޮތް ނިންމަން ފަސޭހަވެގެންދާނެ ކަމަށެވެ.