ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ރަށުގައި ގާއިމްވެ ހުރެވެން ނެތްކަމަށް ވިދާޅުވެ ނ. ލަންދޫ ކައުންސިލްގެ ނާއިބް ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ އަމްޖަދު ކައުންސިލަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ލަންދޫ ކައުންސިލް މެންބަރު މުހައްމަދު ސުޖާއު މިއަދު ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން ކައުންސިލަރު ކަމަށް އިންތިޚާބުވި އަމްޖަދު އިސްތިއުފާގެ ސިޓީ މިއަދު ކައުންސިލްގެ އިދާރާ އަށް ފޮނުވާފައިވާ ކަމަށެވެ. އަދި އިސްތިއުފާގެ ސިޓީގައިވާ ގޮތުން އޭނާ އިސްތިއުފާ ދެއްވީ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ރަށުގައި ގާއިމްވެ ހުރެވެން ނެތުމުގެ ސަބަބުން ކަމަށް ސުޖާއު ވިދާޅުވި އެވެ.

"ކައުންސިލްގެ ނާއިބް ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ އަމްޖަދު ވަނީ ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވާފައި. އިސްތިއުފާދެވައި މިއަދު އަމްޖަދު ކައުންސިލަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ރަށުގައި ގާއިމްވެ ހުރެވެން ނެތުމުގެ ސަބަބުން މިއަދުން ފެށިގެން ކައުންސިލަރުކަމުން އިސްތިއުފާ ދެއްވީ ކަމަށް،" ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަމްޖަދު ކައުންސިލަރުކަމުން އިސްތިއުފާ ދެއްވާފައި ވާތީ ލަސްނުކޮށް އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ.

އަމްޖަދު އިސްތިއުފާ ދެއްވުމުން އެ ކައުންސިލްގައި މިހާރު ތިއްބަވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ މެންބަރެއްގެ އިތުރުން ވަކިޕާޓީ އަކަށް ނިސްބަތްނުވާ ދެ މެންބަރެކެވެ.