ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑު ގެއްލުމެއް ލިބިފައިވާ ހއ. ހޯރަފުށްޓަށް، އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވަޑައިގެންފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޚާއްސަ މަންދޫބެއްގެ ގޮތުން ހޯރަފުށްޓަށް މިއަދު ހެނދުނު މޫސަ ވަޑައިގަތީ އެ ރަށުގެ އާންމު ހާލަތު ބައްލަވާލެއްވުމަށާއި ރަށުގެ ރައްޔިތުންނަށް އެމްޑީޕީން އެހީތެރިކަން ފޯރުކޮށްދެވެން އޮތް ގޮތަކީ ކޮބައިތޯ ބައްލަވާލެއްވުމަށް ކަމަށް އެމްޑީޕީ އިން ބުންޏެވެ.

އެމްޑީޕީން ބުނީ މޫސަ އެ ރަށަށް ވަޑައިގެން އަދި އެ ރަށުން އެންމެ ބޮޑަށް ގެއްލުންވެފައިވާ ގޭގެއަށް ޒިޔާރަތް ކުރައްވައި އެ އާއިލާތަކާ ބައްދަލުކުރައްވައި ހާލަތު ބައްލަވާލެއްވި ކަމަށެވެ.

މޫސަ ހޯރަފުށީގައި ހުންނަވައި "އެމްޑީޕީ ވެބްސައިޓަށް" ވިދާޅުވެފައި ވަނީ ހޯރަފުއްޓާއި މި ވިއްސާރައިގައި ގެއްލުން ލިބުނު އެހެން ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެވޭނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭރުގެ އެހީ އަވަސް ކުރުމަށް މިހާރު ވެސް އެމްޑީޕީން މަސައްކަތް ފަށާފައިވާ ކަމަށެވެ.

މޫސަ ހޯރަފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެމްޑީޕީގެ އަމީންއާންމުގެ ނައިބު އަހުމަދު އަކުރަމް ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް އެމްޑީޕީ އިން ބުންޏެވެ.

ބޯކޮށް ވާރޭވެހި ހޯރަފުށީގައި ފެންބޮޑުވުމާ ގުޅިގެން އެ ރަށުގެ 95 ގެއަކަށް ގެއްލުންވެ 600 ވަރަކަށް މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އެ ރަށުގެ ކައުންސިލުން ވަނީ ބުނެފަ އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައިގައި 24 ރަށަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.