ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، 16 މަރާލިކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުންގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

އަރްހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފައި ވަނީ ލ. މާވަށު އެވާބްލޫ މުހައްމަދު ވިސާމް، 19، އާއި ހަމަ އެ ރަށު އަސަަރީގޭ މަންސޫރު ޔޫސުފު، 25، އާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާން، 19، އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދު، 21،ގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މީހުންގެ މައްޗަށް ދައުލަތުން ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ މި އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަންވަރު ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރޭގައި އަރުހަމް ހުއްޓައި ދަންވަރު 1:00 އާއި ހެނދުނު 6:30 އާއި ދެމެދުގެ ވަގުތެއްގައި އެ މީހުންގެ ތެރެއިން އާތިފް އާއި އިތުރު ބަޔަކާ އެކު ވިސާމާއި މަންސޫރު އަދި ސުފުޔާން ސައިކަލްތަކެއްގައި ގޮސް ޕާކްކައިރިއަށް މަޑު ކުރި ކަމަށެވެ. އަދި ސައިކަލްތަކުގައި މަޑުކުރުމަށް ފަހު ވިސާމާއި މަންސޫރު އަދި ސުފުޔާން ޕާކްތެރެ އަށް ވަދެ އަރުހަމާ މެދު މާރާމާރީ ހިންގުމަށް ފަހު އެ އެންމެން އާތިފް ރަޝީދާއި އިތުރު ބަޔަކާ އެކު ސައިކަލްތަކުގައި އެތަނުން ގޮސްފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުލަތުން ދައުވާ އިއްވުމަށް ފަހު ދައުވާއަށް ޖަވާބުދާރީވުމަށް އެ މީހުންނަށް މިއަދު ފުރުސަތު ދީފައެއް ނުވެ އެވެ.

ވަކީލަކު އައްޔަން ކުރަން ބޭނުންތޯ ގާޒީ އެއްސެވުމުން އެ އެންމެން ވެސް ބުނީ ވަކީލަކު އައްޔަން ކުރަން ބޭނުންވާ ކަމަށެވެ. ގަވާއިދު އޮންނަ ގޮތުން ވަކީލަކު އައްޔަން ކުރަން ދެވޭނީ ތިން ދުވަހުގެ ފުރުސަތެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ވަކީލަކު ހަމަޖެއްސުމަށް ގާޒީ ވަނީ އެ މީހުންނަށް އަންގައިފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ދެން ބާއްވާނީ އެ މީހުން ވަކީލަކު އައްޔަންކޮށް އެންގުމުން ކަމަށެވެ.

އަރުހަމު މަރާލީ އޭނާ ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9ގައި ތައުލީމް ހާސިލް ކުރަމުން ދަނިކޮށެވެ. ވަޅިހަރައި އޭނާ މަލާރާލާފައި އޮއްވައި ފެނުނީ ފުލުހުންގެ މީހަކަށެވެ.