އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އޮޕަރޭޓް ކުރަން ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ބޮޑުތަނުން ގެއްލުންވެ، އެ ކުންފުނި ހުއްޓުމަކަށް އައުމުގެ ބިރު ހީވެފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ، މުހަންމަދު އިބްރާހިމް ސަން އޮންލައިނަށް މިއަދު ވިދާޅުވީ އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އައީ އެއާޕޯޓުން ކަމަށާއި ނަމަވެސް ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން އެއާޕޯޓުން އެއްވެސް އާމްދަނީއެއް މިހާރު ނުލިބޭ ކަމަށާއި ނަމަވެސް ބާޒާރަށް އަންނަ ބަދަލުތަކާ އެކު ކުންފުނީގެ ހަރަދުތައް އެތައް ތަނަކުން ބޮޑުވެފައިވާ ކަމަށެވެ.

"ކުރިމަގު މި ވަނީ ބަނަވެފައި. އެއާޕޯޓް ކުއްޔަށް ދިނުމުގެ ސަބަބުން އެއްވެސް އާމްދަނީއެއް ނުލިބޭ. އޭގެ ބަދަލުގައި އިތުރަށް އެއްޗެއް ދޭން މިޖެހެނީ. ކުންފުންޏަށް ކުރަން ހުރި ކަންތައްތައް ނުކުރެވޭނެ ހާލަތަކަށް މި ދަނީ މިހާރު. މި ހާލަތުގައި އެއްވެސް ކަހަލަ ފައިދާ ހުރި ގޮތަކަށް ނޫން މިދަނީ،" މުހަންމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން އެ ކުންފުނިން ސަރުކާރަށް ވެސް ރަނގަޅު ފައިދާއެއް ދައްކަމުން ދިޔަ ކަމަށާއި ކުރިއަށް އޮތް ތަނުގައި ސަރުކާރުން އެހީއެއް ނުލިބި އެ ކުންފުނިން ނުހިންގޭ ދަރަޖައަކަށް ކުންފުނީގެ ހާލަތު ހިނގައިދާނެ ކަމަށެވެ.

"އެކަން އަޅުގަނޑުމެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި ވެސް ދަންނަވައިފިން. މިކަން ވަރަށް ސީރިއަސް. ގާނޫނީ ގޮތުން ވެސް އަދި ޝަރުއީ މަރުހަލާގައި ވެސް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" މުހަންމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގެ ހައްލު ހޯދުމަށް އޮތީ ދެ ގޮތެއް ކަމަށެވެ. އެއީ ކޮންސެޝަންފީން 27 ޑޮލަރު ކެނޑުން ހުއްޓުވުމަށް ޝަރުއީ މަރުހަލާގެ ތެރެއިން މަސައްކަތް ކުރުން ކަމަށެވެ. އަދި އަނެއް ގޮތަކީ އެގްރިމަންޓް ބާތިލް ކުރުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޝްވަރާއަށް މިހާރު ފުރުސަތެއް ނެތް ކަމަށެވެ.

"މަޝްވަރާއެއް ކުރާކަށް އެ މީހުން [ޖީއެމްއާރުން] އެ ތިބީ އެ މީހުންގެ ގޮތުގައި. އެހެންވީމާ މަޝްވަރާއަކަށް ފުރުސަތެއް ނެތް މިހާރު އެ މީހުންނަކަށް. އެއީ އެ މީހުން އެގްރިމަންޓްގެ މާއްދާތަކަށް ހަވާލާދީ އެ މީހުން ކުރާކަމެއް ވިއްޔާ މި ކުރަނީ. އިތުރަކަށް އަޅުގަނޑުމެންނަކަށް މަޝްވަރާއެއް ނުކުރެވޭ،" މުހަންމަދު ވިދާޅުވި އެވެ.

އެމްއޭސީއެލް އަށް މިހާރު ލިބޭ އާމްދަނީގެ ބޮޑުބަޔަކީ އެއާނެވިގޭޝަން ޗާޖާއި އަދި ޖޮއިންޓް ވެންޗާ ކުންފުނި، އިންފްލައިޓް ކޭޓަރިންއިން ލިބޭ އާމްދަނީއެއް ކަމަށް މުހަންމަދު އިބްރާހީމް ވިދާޅުވި އެވެ. ނަމަވެސް އެއާނެވިގޭޝަންގެ ހިދުމަތް ދޭން ޖެހެނީ ބޮޑު ގެއްލުމުގައި ކަމަށާއި އާމްދަނީއެއް ލިބުނަސް ލިބެނީ ކޭޓަރިން ސާވިސް އިން އެކަނި ކަމަށް ވިދާޅުވި އެވެ.

"އެކަން [ކޭޓަރިން] ރަނގަޅަށް ދާތީ މިލިބޭ އެއްޗެއް މިލިބެނީ. އެމްއޭސީއެލްއަށް ކުރިން ވާގޮތަކީ ގެއްލުމުގައި އެއާނެވިގޭޝަން ދޭން ޖެހުނަސް އެއާޕޯޓުން ލިބޭ އެކި ހިދުމަތްތަކުން ލިބޭ އެއްޗަކުން އެބައި ފޫބެއްދޭ. އެކަމަކު މިހާރު އެ އާމްދަނީއެއް ނުލިބޭ،" މުހަންމަދު ވިދާޅުވި އެވެ.

ޖީއެމްއާރާ އެކު ކޮށްފައިވާ އެގްރިމަންޓްގެ ދަށުން އެ ކުންފުންޏަށް އެއާޕޯޓުން 27 ޑޮލަރު ޗާޖް ނުކުރެވޭތީ މިއަހަރުގެ ހަ މަސްދުވަހު އެއާޕޯޓުން އެއްވެސް އާމްދަނީއެއް އެމްއޭސީއެލް އަށް ނުލިބި ބަދަލުގައި ޖުމްލަ 3.8 މިލިއަން ޑޮލަރު، 57.10 މިލިއަން ރުފިޔާ ވަނީ ދައްކަންޖެހިފަ އެވެ.

އެ މައްސަލަ ޖީއެމްއާރުން މިހާރު ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ވައްދައިފަ އެވެ.