މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަގައި ހޯރަފުއްޓަށް ލިބުނު ގެއްލުންތަކަށް އެހީވުމަށް އާންމު ފަރާތްތަކުން ވެދީފައިވާ އެހީގެ އަދަދު ބައި މިލިއަން ރުފިޔާ އާއި ކައިރި ކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ވިއްސާރައާއި ގުޅިގެން ހޯރަފުއްޓަށް ލިބުނުގެއްލުންތައް ބައްލަވާލެއްވުމަށް ރައީސް ޑރ. ވަހީދު އިއްޔެ އެރަށަށް ވަޑައިގަތުމަށް ފަހު އެނބުރި މާލެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ހޯރަފުއްޓަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އާންމު ފަރާތްތަކުގެ ދީލަތި އެހީ ލިބެމުންދާ ކަމަށާއި އެރަށަށް އެހީވުމަށް ބަހައްޓާފައިވާ ފަންޑުފޮއްޓަށް ގާތްގަނޑަކަށް ބައި ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ހަމަ އެކަނި ހޯރަފުއްޓަށް އެހީވެދިނުމުގެ ގޮތުން ބައި މިލިއަނެއްހާ ރުފިޔާގެ އެހީ އެ ރަށުގެ ރިލީފް ފަންޑަށް ޖަމާކޮށްފި،" އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

ހޯރަފުށީގެ އިތުރުން ވިއްސާރާގައި ގެއްލުން ލިބުނު އެހެން ރަށްތަކަށް ވެސް އާންމު ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަން ފާހަގަ ކުރައްވަމުން ރައީސް ޑރ. ވަހީދު ވަނީ އޭގެ ތެރެއިން އެހީތެރިވި ބައެއް ފަރާތްތައް ހާމަ ކުރައްވާފަ އެވެ.

އެގޮތުން ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އިތުރުން ޗަންޕާ ބްރަދާސް މޯލްޑިވްސް އިން އެހީތެރިކަން ލިބިފައިވާކަން ރައީސް ޑރ. ވަހީދު ފާހަގަ ކުރެއްވެވި އެވެ.

ހޯރަފުށީ ކައުންސިލް މެންބަރު އަހްމަދު އަހްސަން މިއަދު ވިދާޅުވީ އެރަށައް ލިބުނު ގެއްލުންތަކަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވާފައިވާ އެއްފަރާތަކީ އަހްމަދު ޝިޔާމް ( ސަން ޓްރެވަލް ) ކަމަށާއި އެގޮތުން އޭނާ 100،000ރ. ފައިސާގެ އިތުރު އެހެން އެހީތެރިކަން ވެސް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

ހަމަ އެހެންމެ ރައީސުލް ޖުމްހޫރިއްޔާ އަމިއްލަ ނަންފުޅުގައި 50،000ރ. ފަންޑުފޮއްޓަށް ހަދިޔާ ކުރައްވާފައިވާއިރު ގާސިމް އިބްރާހިމް 250000ރ. އަދި ޗަމްޕާ ހަސަން އަފީފުވެސް 250000ރ. ފަންޑަށް ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވެފައިވާކަން އަހްސަން ވިދާޅުވި އެވެ.

މީގެ އިތުރުން ޖީއެމްއާރު ކުންފުނިންވެސް އިތުރު އެހީ ދޭނެ ކަމުގެ އިޝާރާތެއް ދީފައިވާކަން ފާހަގަ ކުރައްވަމުން އަހްސަން ވިދާޅުވީ ޑިޒާސްޓާ މެނޭޖްމަންޓާއި އަދި ރެޑްކޮރޮސެންޓުން ލިބެމުންދާ ބޮޑު އެހީތެރިކަން ކައުންސިލުން ފާހަގަ ކުރާކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހޯރަފުއްޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އެރަށުގެ 100 އަށްވުރެ ގިނަ ގެއަށް ގެއްލުން ވެފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެގެ ރަށްތަކަށް ވެފައިވާ ގެއްލުން ތަކުން އަރައިގަތުމަށް މިހާރުން މިހާރަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ސަރުކާރުން ބަޖެޓުން 10،000،000ރ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފަ އެވެ.