01 Nov 2012, 11:34
ހއ. ވަށަފަރު ކައުންސިލާއި ރ. އިންނަމާދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ދެ ބައި އިލެކްޝަން އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ދެ ބައި އިލެކްޝަނަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ނޮވެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.
ވަށަފަރު ކައުންސިލް ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޢާލިބު ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޑީއާރުޕީ ކައުންސިލް މެންބަރު ޢާލިބް ވިދާޅުވެފައިވަނީ އޭނާ ކައުންސިލަރު ކަމުން އިސްތިއުފާ ދިނީ އަމިއްލަ ދިރިއުޅުން ހުރިގޮތުން ކައުންސިލަށް ވަގުތުދެވެން ދަތިވެގެން ކަމަށާއި ކައުންސިލަށް ވަގުތު ދެވޭނެ ބޭފުޅަކަށް އެފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އިންނަ މާދޫ ކައުންސިލް ގޮނޑި އެއް ހުސްވެފައި ވަނީ އެ ކައުންސިލްގައި ހިމެނިވަޑައިގެންނެވި އެމްޑީޕީ ކައުންސިލް މެންބަރު އަބްދުއް ޝަފީގް އެ މަގާމުން އިސްތިއުފާ ދެއްވުންނެވެ. ކައުންސިލް އިދާރާއިން ބުނީ އޭނާ ކައުންސިލަރު ކަމުން އިސްތިއުފާ ދިނީ އެ މަގާމުގައި އިތުރަށް ދެމިހުރެއްޖެ ނަމަ ރަށުގެ ތަރައްގީއަށް ހުރަސްތަކެއް އެޅިދާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
މީގެ އިތުރުން މި މަހު 15ގައި ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަ ޖެހިފައިވާއިރު ވ.ކެޔޮދޫ ކައުންސިލް ބައި އިލެކްޝަން އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް ވަނީ އިލެކްޝަންސް ކޮމިޝަނުން ނިންމާފަ އެވެ.