ސ. ހުޅުމީދޫ ވަލުތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތްތަކެއް ހޯދައި ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބުނީ ހުޅުމީދޫގެ ހަތަރު ސަރަހައްދެއްގައި ބަނގުރާ ކައްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮެޕަރޭޝަނުގައި އެރަށު ވަލުތެރެއިން ބަނގުރާ ކެއްކުމަށް ބޭނުން ކުރާ އާލާތްތަކާއި ބަނގުރާ ކަަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ހަމެއް ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެރަށުގެ ހަތަރު ދިމާލެއް ބަލާފާސް ކުރި ނަމަވެސް އެތަކެތި ފެނިފައިވަނީ ރޭ 12:30 ހާއިރު ހުޅުމީދޫ މައިލޯ ސްޓޭޑިއަމާ ދިމާލު ވަލުތެރެއިން އެކަނި ކަމަށެވެ.

ފެނުނު ތަކެތީގެ ތެރޭ ކުރައަކާއި ގޭސް އުނދުނެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ފެނިފައިވެ އެެވެ.

އެ މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.