01 Nov 2012, 10:29
ސްޕެނިޝް ކަޕުގެ ފުރަތަމަ ލެގުގައި ތިން ވަނަ ޑިވިޝަންގައި ރޭ ފަސޭހަކަމާ އެކު އަލްޔޮކާނޯ އަތުން 4-1 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
ރަށުން ބޭރުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ނެގީ ރެއާލެވެ. އެލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ އެވެ. ރޭގެ މެޗުގައި ރެއާލްގެ ލީޑް އެ ޓީމަށް ފުޅާކޮށްދިން ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކަކާ އެވެ. އަދި އެ ޓީމުގެ ތިން ވަނަ ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 67 ވަނަ މިނެޓުގައި ހޯސޭ ރޮޑްރިގޭ ކާމިޔާބު ކޮށްދިން އިރު، ރެއާލްގެ ފަހު ލަނޑު މެޗު ނިމެން ދަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބެންޒެމާ އެވެ.
އަލްޔޮކާނޯ އިން ރެއާލް ކޮޅަށް ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ދެ ވަނަ ހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ހާވީ ލާރާ އެވެ.
ރޭގެ މެޗަށް ފަހު ރެއާލްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ، ބެންޗު ޓީމް އަރުވާގެން ލިބުނު މޮޅާ އެކު އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު މެޗަށް މާފުރިހަމަ އަށް ޓީމް ތައްޔާރު ވާނެ ކަމަށެވެ . މިމެޗް ކުލޭނީ ރެއާލްގެ ދަނޑުގައި މިމަހު 28 ވަނަ ދުވަހު އެވެ.
މީގެ އިތުރުން ސްޕެނިޝްކަޕްގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު އިތުރު އެހެން މެޗްތަކަށް ބަލާ އިރު، ސަސެރެނޯ އަތުން މަލާގާ 4- 3 އިން މޮޅުވި އިރު، ރެއާލް ޒަރަގޯޒާ އަތުން ގްރެނެޑާ ބަލިވީ 1-0 ލަނޑުން ނެވެ. އަދި ރެއާލް ޖައެން އަތުން އެތުލެޓިކޯ މެޑްރިޑް މޮޅުވީ 3-0 ލަނޑުންނެވެ.
ސްޕެނިޝްކަޕްގެ ފުރަތަމަ ލެގުގައި ޖުމްލަ 32 ޓީމް ވާދަކުރެ އެވެ.