01 Nov 2012, 10:16
މިސީޒަނުގައި އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާ އާއި ގުޅުނު ފްރާންސް ގައުމީ ޓީމްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް އެކުލަބާއި ގުޅުމުގެ ކުރިން ޓޮޓެންހަމްގެ ކޯޗު އަންދުރޭ ވިޔަސް ބޮއަސްއާއި ވާހަކަ ނުދައްކާ އެކުލަބާއި ގުޅުމަކީ ރަނގަޅު ގޮތްނޫން ކަމުގައި ފްރާންސް ގައުމީ ޓީމްގެ ކޯޗު ޑިޑިއާ ޑިޝޭމްޕް ބުނެފި އެވެ.
އުމުރުން 25 އަހަރުގެ ލޮރިސް، ޓޮޓެންހަމް އާއި ގުޅުނީ ޓްރާންސްފާ މާކެޓްގެ ދޮރު ބަންދުވާން އޮތް ދުވަހު ބާރަ މިލިއަން ޕައުންޑްގެ އަގަކަށެވެ. ނަމަވެސް އޭނާއަށް ޓޮޓެންހަމްގެ ގޯލް ބެލެހެއްޓުމަށް ލިބިފައި ވަނީ މަދު ފަހަރަކު އެވެ. މިސީޒަނުގައި ޓޮޓެންހަމްގެ ގޯލް އާންމު ގޮތެއްގައި ބަލަހައްޓަމުން ދިޔައީ މިދިޔަ ސީޒަނުގައި ވެސް އެ ޓީމުގެ ގޯލް ބަލަހައްޓަމުން ދިޔަ އެމެރިކާގެ ތަޖުރިބާކާރު ގޯލްކީޕަރު ބްރެޑް ފްރޭޑަލް އެވެ.
"ލޮރިސްގެ ނިންމުން ރަނގަޅެއް ނޫން. އޭނާ ބެންޗުގައި އިންނަން ޖެހުމަކީ ރަނގަޅު ގޮތެއް ނޫން. އަހަރެމެން މިދައްކަނީ ޒުވާން ގޯލްކީޕަރެއްގެ ވާހަކައެއް ނޫން. ފްރާންސް ގައުމީ ޓީމްގެ ގޯލް ގިނަ އަހަރުތަކެއްގައި ބަލަހައްޓާ، ޗެމްޕިއަންސް ލީގުގެ ގިނަ މެޗުތަކެއް ކުޅެފައިވާ ގޯލްކީޕަރެއްގެ ވާހަކަ. ޓޮޓެންހަމް އާއި ގުޅުމުގެ ކުރިން އެކުލަބުގެ ކޯޗު ވިޔަސް ބޮއަސް އާއި ވާހަކަ ދައްކާ ލޮރިސްގެ ދައުރަކީ ކޮބައިތޯ އޮޅުންފިލުވި ނަމަ ރަނގަޅުވީސް." ޑިޝޭމްޕްސް ބުންޏެވެ.
ޑިޝޭމްޕްސް އިތުރަށް ބުނީ، ވޯލްޑްކަޕް ކޮލިފައިންސްގައި ސްޕެއިން އާއި ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ ދިފާއުކުރި ކީޕަރު ލޮރިސް ހުންނާނީ އަދިވެސް ފްރާންސް ގައުމީ ޓީމްގެ އެއް ނަންބަރު ކީޕަރުގެ ގޮތުގައި ކަމެވެ.